18 އަހަރުން ދަށުގެ ކުދިންނަށް އެމްއާރް ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

Screenshot 2026-06-02 at 15.39.16

ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިވުމަށް ޖަހާ އެމްއާރް ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައިފިއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ކުދިންނަށެވެ. މި ފިޔަވަހީގެ ދަށުން ވެކްސިން ދިނުން މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޔޫޕީއެޗްސީސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ދޭނެ ގަޑިތައް އެ ރަށެއްގެ ސިއްޙީ މަރުކަޒު ނުވަތަ ހޮސްޕިޓަލުން ވަކިން އިޢުލާނު ކުރާނެ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އެ ފިޔަވަހީގައި އަމާޒުކުރާނީ އުމުރުން 30 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށެވެ. އަދި ތިންވަނަ ފިޔަވަހީގައި 49 އަހަރުން ދަށުގެ، ވެކްސިން ފުރިހަމަނުކުރާ އެންމެހާ ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ރޭވިފައެވެ.

ރާއްޖޭގައި މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 22 ކޭސްއެއް ވަނީ ފެނިފައެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންނާ ދިމާވި ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ 220 މީހަކަށް މިހާރު ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,537 ސިއްޙީ ޚިދުމަތްތެރިންނަށްވެސް ވަނީ ވެކްސިން ދީފައެވެ.

މި ޕްރޮގްރާމަށް ބޭނުންވާ 20,000 ޑޯޒްގެ ހިމަބިހި ވެކްސިން މި މަހުގެ ކުރީކޮޅު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ