މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކަނޑަށް ވެއްޓުނު ފަސް ކޮންޓޭނަރުގެ ތެރެއިން ދެ ކޮންޓޭނަރު މިހާތަނަށް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ބާޖުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު އެމްޕީއެލް އިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 23:10 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ޖުމުލަ ފަސް ކޮންޓޭނަރު މޫދަށް ވެއްޓި އޮޔާ ގޮސްފައިވެއެވެ.
ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ކަމަށްވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މި ހާދިސާގައި ވެއްޓުނު ކޮންޓޭނަރުތަކުގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާއިރު، ބާކީ ހުރި ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.