ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބިނާ ކަމަށްވާ އުސްގެކޮޅު ބެލެހެއްޓުމުގައި މާލޭ ސިޓީ ކައުންސިލުން ތަކުރާރުކޮށް އިހުމާލުވަމުންދާތީ، އެތަނުގެ ބެލެނިވެރިކަން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ސަރުކާރުން މިކަން ހާމަކުރީ މި މަހުގެ 25 ވަނަ ދުވަހު އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެތަނަށް ގެއްލުންތަކެއް ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ހިންގަމުންދާއިރު، ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، އުސްގެކޮޅު ބެލެހެއްޓުމުގައި ކައުންސިލުން ނުކުޅެދިފައިވާ ކަމަށެވެ. އެގޮތުން އެތަނަށް ބަޔަކު ގާނޫނާ ހިލާފަށް ވަދެ، މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ ހެކިތައް ފެންނަން ހުރި ކަމަށާއި، އެ ފެންވަރަށް ކަންކަން ދިއުމުން އެތަން ސަރުކާރަށް ނަގަން ނިންމީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިގުތިސާދީ ސިޔާސަތުގެ ދަށުން ތަރިކައިގެ ފަތުރުވެރިކަން ކުރިއެރުވުމަށް މާލޭގައި ތަރައްގީކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތަށް އުސްގެކޮޅު ހަވާލުކޮށްދިނުމަށް މީގެ ކުރިންވެސް އެދިފައިވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ އެތަން ސަރުކާރަށް ބަދަލުކުރުމަށް ބޭނުންވާ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަރުހަލާއެވެ.
އުސްގެކޮޅަކީ 20 ވަނަ ގަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީޚީ ބިނާއެކެވެ. މާލޭގައި އަލަށް ތަރައްގީކުރާ މިއުޒިއަމް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އުސްގެކޮޅާއި ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދުގައެވެ.