އުރުދުން ބަލިކޮށް ބަލިނުވެ އާޖެންޓީނާ ދެވަނަ ބުރަށް، މެސީގެ އާ ރެކޯޑެއް!

އާޖެންޓީނާއާއި އުރުދުން ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ. ފޮޓޯ: ގެޓީ އިމޭޖެސް
އާޖެންޓީނާއާއި އުރުދުން ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ. ފޮޓޯ: ގެޓީ އިމޭޖެސް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އުރުދުންއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުން މޮޅުވެ، އާޖެންޓީނާއިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.

ޑައްލާސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު އާޖެންޓީނާ ވެގެން ގޮސްފައިވަނީ މި ފަހަރުގެ މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ބުރަށް ދަތުރުކުރި ތިންވަނަ ޓީމަށެވެ.

މީގެ ކުރިން ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ބުރުގެ ޖާގަ ހޯދާފައިވަނީ ފްރާންސާއި މެކްސިކޯއެވެ. މި ކާމިޔާބީއާއެކު އާޖެންޓީނާ ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވަރުގަދަ ރެކޯޑަކާއެކު ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ އެގާރައިގައި އާޖެންޓީނާގެ ތަރި އަދި ކެޕްޓަން ލިއޮނެލް މެސީ ހިމެނިފައި ނުވި ނަމަވެސް، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޖިއޮވާނީ ލޮ ސެލްސޯއެވެ.

އާޖެންޓީނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ އުރުދުންގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖޫލިއަން އަލްވަރޭޒަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ވީއޭއާރް ބެލުމަށްފަހު ރެފްރީ ދިން މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓިނޭޒެވެ. ފުރަތަމަ ހާފު 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ އުރުދުންއިން ވަނީ ގޯލެއް ޖަހައި މެޗުގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި އެހްސަން ހަދާދް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މޫސާ ތަމާރީއެވެ.

އުރުދުންގެ މި ގޯލާއެކު އާޖެންޓީނާއިން ކުޅުން އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ވަނީ ކުޅެން ނިކުމެފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މެސީ ވަނީ އާޖެންޓީނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ، މެޗުގެ ނަތީޖާ 1-3 އަށް ބަދަލުކޮށްފައެވެ. މިއީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ކުޅުނު ހުރިހާ މެޗެއްގައިވެސް މެސީ ލަނޑު ޖެހި ފުރިހަމަ ރެކޯޑެވެ. މެސީގެ މި ގޯލާއެކު އާޖެންޓީނާގެ ސަޕޯޓަރުންނަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފައެވެ.

މި މެޗާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އާ ރެކޯޑެއްވެސް ގާއިމުކޮށްފައެވެ. އެއީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އޭނާ ލަނޑު ޖެހި 7 ވަނަ މެޗެވެ. މިހާތަނަށް ވޯލްޑް ކަޕްގައި މެސީ ޖުމްލަ 19 ގޯލު ޖަހާފައިވާއިރު، މި ފަހަރުގެ މުބާރާތުގައި އެކަނިވެސް އޭނާ ވަނީ މިހާތަނަށް 6 ގޯލު ކާމިޔާބުކޮށްފައެވެ. އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ