ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދައުލަތުގެ ކަމާބެހޭ އިދާރާތަކާއެކު މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި "އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ރަސްމިއްޔާތުގައި އެމްއޭސީއެލް އިން ސޮއިކުރީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކުގައެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ މައިގަނޑު މަގްސަދަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތައްޔާރީތައް ހަރުދަނާކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ރަސްމީ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމެވެ. މީގެ ދަށުން ކޮންމެ އިދާރާއަކުން އަދާކުރަންޖެހޭ ދައުރު ސާފުކޮށް ކަނޑައެޅި، ގުޅިގެން ހިންގާ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ކުއްލި ހާލަތެއްގައި ކޮންމެ މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާތައް މުވައްޒަފުންނަށް ސާފުވެ، އަމަލީ މައިދާނުގައި މަސައްކަތްކުރުމަށް ފަސޭހަވެގެންދާނެއެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، ރާއްޖޭގެ މައި ދޮރާށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި ފަހުމުނާމާތަކުގެ ސަބަބުން ކާރިސާގެ ވަގުތުތަކުގައި ދެވޭ އިޖާބަ އަވަސްވެ، އެއަރޕޯޓުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.