ކ. ހިންމަފުށީގައި މިހާރު ހުރި ރިހެބިލިޓޭޝަން ސެންޓަރު ބޮޑުކޮށް، އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭނެ ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ މަރުކަޒެއް ބިނާކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމްތައް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އިޙްސާން ވިދާޅުވި ގޮތުގައި، ހިންމަފުށީގައި ގާއިމުކުރާ މި އާ ސެންޓަރުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާރު ހުރި ފަރުވާދޭ މަރުކަޒުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އޮފީހާއި ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގެ ހާލަތުވެސް ހުރީ އެންމެ އެދެވޭ ފެންވަރެއްގައި ނޫން ކަމަށެވެ. އެހެންކަމުން އެ ތަންތަންވެސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ހަމައެކަނި އިމާރާތްތަކެއް ބިނާކުރުމުގެ ބަދަލުގައި، އެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަކީވެސް މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ސައިކޯ ސޯޝަލް ސަޕޯޓާއި ރިކަވަރީ ސަޕޯޓް ފޯރުކޮށްދޭނެ ތަމްރީނު ލިބިފައިވާ މުވައްޒަފުން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އިޖްތިމާއީ މައްސަލަ ކަމަށްވާއިރު، މި ވަބާއިން މުޖުތަމައު ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އާ މަޝްރޫއާއެކު ފަރުވާ ބޭނުންވެފައި ތިބި ގިނަ ބަޔަކަށް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.