ފަރަންސޭސިވިލާތުގެ "ފްރެންޗް ބީ" އިން ރާއްޖެއަށް ދަތުރުތައް ފަށަނީ

c0995506-909e-40ce-8c47-f1bb322f7192

ފަރަންސޭސިވިލާތުގެ މަޝްހޫރު ބަޖެޓް އެއާލައިނެއް ކަމަށްވާ "ފްރެންޗް ބީ" އިން ރާއްޖެއާއި ސްރީލަންކާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި އެއާލައިނުން ބުނި ގޮތުގައި، މިއަދުން ފެށިގެން މި ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ދަތުރުތައް ކުރުމަށް ރާވާފައިވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުން ފުރައިގެން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއަށްފަހު މާލެއިން ސްރީލަންކާގެ ކޮލަމްބޯއަށް ދަތުރުކޮށް، އަލުން އެނބުރި ޕެރިހަށް ދާ ގޮތަށެވެ. މި އިންތިޒާމުގެ ސަބަބުން ދަތުރުވެރިންނަށް އެއް ދަތުރެއްގައި ދެ ގައުމަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެއާލައިނުން ފާހަގަކުރެއެވެ.

ފްރެންޗް ބީގެ ސީއީއޯ މާކް-އެންޓޮއިން ބްލޮންޑޯ ވިދާޅުވި ގޮތުގައި، ރާއްޖެއާއި ލަންކާއަކީ ފަރަންސޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް އޮތް ދެ މަންޒިލެވެ. ރާއްޖޭގެ ރިސޯޓުތަކުގެ ހިތްގައިމުކަމާއި ލަންކާގެ ގުދުރަތީ ރީތިކަން ތަޖުރިބާކުރަން ބޭނުންވާ ފަރާތްތަކަށް މި ސީދާ ދަތުރުތަކުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، އިކޮނޮމީ ކްލާހުގެ ޓިކެޓެއް 649 ޔޫރޯއަށް ލިބޭއިރު، ޕްރީމިއަމް ކްލާހުގެ ޓިކެޓެއްގެ އަގު އުޅެނީ 1,399 ޔޫރޯގައެވެ. ފަރަންސޭސިވިލާތަކީ ރާއްޖެއަށް ހަތްވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެ ގައުމުން 29,511 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ