25 އަހަރުގެ ޚިދުމަތަށްފަހު ރިޓަޔާކުރާ ފުލުހުންނަށް ބޭސްފަރުވާގެ ޚިދުމަތް ދޭން ނިންމައިފި

25 އަހަރުގެ ޚިދުމަތަށްފަހު ރިޓަޔާކުރާ ފުލުހުންނަށް ބޭސްފަރުވާގެ ޚިދުމަތް ދޭން ނިންމައިފި
ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު

ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ޚިދުމަތުގައި ދެމިތިބޭ ފުލުހުންނާ އެއް އުސޫލަކުން ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ މިކަން އިޢުލާން ކުރެއްވީ ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ސީޕީ ވިދާޅުވީ، ދިގު މުއްދަތަކަށް ޚިދުމަތް ކުރުމަށްފަހު ވަކިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ދެވޭ އިނާޔަތްތައް ހިސާބުކުރުމުގައި މިހާރު އޮތް ލިމިޓް ނުވަތަ ހައްދު ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ކޮމިޝަނާ ވިދާޅުވިއެވެ. އެގޮތުން، ކޮންމެ ފުލުހަކުވެސް ޚިދުމަތް ކުރި މުއްދަތަށް ރިއާޔަތްކޮށް، އެކަށީގެންވާ އިނާޔަތެއް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ މުއައްސަސާއަކީ އުފާވެރި ތަނަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ސީޕީ ވިދާޅުވިއެވެ. ފުލުހުންގެ ހުރި ކަންބޮޑުވުންތަކާއި އިހުސާސްތައް ސަރުކާރާ ހިއްސާކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

ފުލުހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތަޢުލީމީ އަދި ފަންނީ ކުރިއެރުމުގެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީގެ ގޮތުންނާއި އުމްރާނީ ގޮތުން މުއައްސަސާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވާކަންވެސް ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ސީޕީ ވަނީ 2004 ވަނަ އަހަރު ޒަމާނީ ފުލުހުންގެ ޚިދުމަތް އުފެދިގެން އައިއިރު، އެ މުއައްސަސާ ބިނާކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ބުރިގޭޑިއާ ރިޓަޔާޑް އާދަމް ޒާހިރަށާއި، އެކި ދުވަސްވަރު ކޮމިޝަނާގެ މަޤާމު ފުރުއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ