ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ މުއައްސަސާތަކާއި، ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ އަގުވަޒަންކޮށްފިއެވެ.
މި ފަރާތްތަކަށް ހަނދާނީ އައްޑަނައާއި، ހަނދާނީ ރަން ފިލާ އަދި ހަނދާނީ ފިލާ އަރުވާފައިވަނީ ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.
ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުން ފާހަގަކޮށް، ބައެއް ޤައުމުތަކުގެ އެމްބަސީތަކަށާއި ބައިނަލްއަޤުވާމީ އިދާރާތަކަށް ވަނީ ހަނދާނީ އައްޑަނަ އަރުވާފައެވެ.
އޭގެ ތެރޭގައި އިންޑިއާ، ޖަޕާން، ޗައިނާ އަދި އިނގިރޭސިވިލާތުގެ ހައި ކޮމިޝަންތަކާއި އެމްބަސީތައް ހިމެނެއެވެ. މީގެ އިތުރުން އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް އާއި ޔޫއެންއޯޑީސީއަށް ވެސް ވަނީ ހަނދާނީ އައްޑަނަ އަރުވާފައެވެ.
މި ޖަލްސާގައި އެންމެ ޚާއްޞަ އެއް އެވޯޑެއްގެ ގޮތުގައި ހިމެނޭ ހަނދާނީ ރަން ފިލާ އަރުވާފައިވަނީ އެމެރިކާގެ އެމްބަސީއަށެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތަށް އެ ފަރާތުން ދިގު މުއްދަތަކަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން އެރުވި ފިލައެކެވެ.
ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ދައުލަތުގެ ބައެއް އިދާރާތަކަށާއި އަމިއްލަ ކުންފުނިތަކަށް ވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިމެނެއެވެ. އަދި އަދުލު އިންސާފުގެ ދާއިރާއިން ކްރިމިނަލް ކޯޓުގެ ނަން ވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުގެ އެހީތެރިކަން ވެސް ފުލުހުން ވަނީ ބަލައިގެންފައެވެ. އޭގެ ތެރޭގައި އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، އޫރީދޫ މޯލްޑިވްސް، ޕީއެސްއެމް އަދި އެމްޓީސީސީ ހިމެނެއެވެ.
މުއައްސަސާތަކުގެ އިތުރުން، ފުލުހުންގެ މަސައްކަތްތަކަށް އަމިއްލަ ގޮތުން ވެދީފައިވާ އެހީތެރިކަން ފާހަގަކޮށް އާންމު ފަރުދުންގެ އަގު ވެސް ވަނީ ވަޒަންކޮށްފައެވެ. އެގޮތުން ކ. ކާށިދޫ، މާވިނަ، އަޙްމަދު ޔާސިރު ފުލުހުންގެ މަސައްކަތްތަކަށް ވެދީފައިވާ އެހީތެރިކަން ފާހަގަކޮށް އޭނާއަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މި ޖަލްސާގައި، އެ މުއައްސަސާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގައި އެކި ފަރާތްތަކުން ވެދޭ އެހީތެރިކަމަކީ ކުށްމަދު އަމާން މުޖުތަމަޢެއް ބިނާކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރެވުނެވެ.