ސިއްހީ ދާއިރާގެ އުމްރާނީ މަޝްރޫއުތައް ނިންމާނެ ތާވަލެއް އެކުލަވައިލައިފި ކަމަށް ރައީސް ވިދާޅުވެއްޖެ

އަލިފުށި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
އަލިފުށި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށްޓަކައި ހާއްސަ ތާވަލެއް އެކުލަވައިލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރ. އަލިފުށީ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާއަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާ ކަމަށާއި، މިއަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައިވަނީ އެ ދާއިރާގެ މަޝްރޫއުތަކާއި ޕްރޮގްރާމްތަކަށް ކަމަށެވެ.

ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ މަސައްކަތްތައް ނިންމުމަށް އެކުލަވައިލި ތާވަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މަޝްރޫއުތައް ނިންމާނެ ތާރީހުތައް ކަނޑައަޅާފައިވަނީ އެ މަސައްކަތެއްގެ ކުދިބޮޑުމިނަށް ބަލައިގެން ކަމަށެވެ. އެގޮތުން ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، އެއަށްވުރެ ކުދި މަޝްރޫއުތައް މިއަންނަ އަހަރުގެ އެކި މުއްދަތުތަކުގައި ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.

މަޝްރޫއުތައް ކުރިއަށްދާ ދުވެއްޔާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބައެއް މަސައްކަތްތައް ސަރުކާރުން ބޭނުންވާ ދުވެލީގައި ކުރިއަށް ނުދާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެކަންކަން ހައްލުކޮށް، މަސައްކަތްތައް އަވަސްކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އަލިފުށީގައި ހުއްޓިފައިވާ ހޮސްޕިޓަލާއި އެއާޕޯޓުގެ މަޝްރޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ހަވާލުކޮށްފައިވާ އެމްޓީސީސީއަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވާ ފައިސާ މިހާރު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހެންކަމުން ލަސްތަކެއް ނުވެ އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަލުން ހަލުވިކަމާއެކު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަލިފުށީގައި ކުރިއަށްގެންދިއުމަށް ވައުދުވެވަޑައިގެންފައިވާ ހުރިހާ މަޝްރޫއެއްވެސް ސަރުކާރުން ފުރިހަމަކޮށްދޭނެއެވެ. މީގެ ތެރޭގައި އެ ރަށުގެ އެއާޕޯޓު މަޝްރޫއުވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާގެ ތަރައްގީއަކީ ރައްޔިތުންނަށް އެންމެ ބޭނުންތެރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ