ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މި ދައުރުގައި ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

cb908d94-cbbe-4716-a84a-b922dcbac874

ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށާއި، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެ މަޝްރޫއުތައް ނިންމައިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ހައުސިން މަޝްރޫއުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ވައުދުފުޅުތައް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިނޭންސް ހަމަޖައްސައިގެން ރާއްޖޭގެ 13 ރަށެއްގައި ކުރިއަށްގެންދާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ބީއެމްއެލްގެ ފައިނޭންސްގެ ދަށުން ހިންގާ މަޝްރޫއުތަކުގެ އެޑްވާންސް ޕޭމެންޓުތައް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގެ އިތުރުން، ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށިގެންދާނެއެވެ. މިއީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން ފަށާފައި ހުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މެދުކެނޑިފައި ހުރި މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އާ ފައިނޭންސިން މޮޑެލްތައް ތައާރަފުކޮށް، ބޭރުގެ އެކި ގައުމުތަކާ އޮންނަ ގުޅުމުގެ ތެރެއިން އިތުރު މަޝްރޫއުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. މި އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ފުލެޓުތަކުގެ މަސައްކަތް އަލަށް ފެށިގެންދާނެ ކަމުގެ އުންމީދު ރައީސް ދެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ މީގެ ކުރީގެ ސަރުކާރުތަކަށް ނުކުރެވި އޮތް ކަމެއް ކާމިޔާބު ކުރުން ކަމަށެވެ. އެއީ ސަރުކާރުގެ އެއް ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއެއް ފަށައި، އެ މަސައްކަތް އެއްކޮށް ނިންމައި، ރައްޔިތުން އެ ތަންތަނަށް ވެއްދުމެވެ. "އިރާދަކުރެއްވިއްޔާ 2028 ގެ މެދަކާ ހަމައަށްދާއިރު މީގެ ތެރެއިން ވަރަށް ބޮޑު އިންސައްތައެއް ނިންމޭނެ. ބައެއް ރަށްރަށުގައި އޭގެ ކުރިންވެސް ނިމޭނެ،" ރައީސް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ކުޅުދުއްފުށި ސިޓީގައި އަޅާ 2,400 ހައުސިން ޔުނިޓުގެ މަސައްކަތްވެސް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ރައްޔިތުންނަށް ގޯތި ދިނުމަށް ވެވަޑައިގެންފައިވާ ވައުދުފުޅުވެސް، ވައުދުވެވަޑައިގަތް ގޮތަށް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.

ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށްވާއިރު، މިހާރު ކުރިއަށްދާ މަޝްރޫއުތަކަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ