ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފިހާރަތައް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ހަލުވިކަމާއެކު ފަށައިފިއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީ، މާލެއާ އެއް އަގެއްގައި ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މިފްކޯގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހާމިދު ނަޒީމު އިބްރާހީމް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފިހާރަތައް ހުޅުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އާބާދީ ބޮޑު ރަށްތަކަށް ކަމަށެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށް ކުންފުނީގެ އުފެއްދުންތައް ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ދަށުން، ފާއިތުވި މެއި މަހުގެ ތެރޭގައި އައްޑޫ ސިޓީގެ ހިތަދޫގައި މިފްކޯގެ އައުޓްލެޓެއް ވަނީ ހުޅުވާފައެވެ. މިއީ މާލެ ސަރަހައްދުން ބޭރުގައި މިފަދަ ގޮތަކަށް ހުޅުވުނު ފުރަތަމަ ފިހާރައެވެ. މި ފިހާރަ މެދުވެރިކޮށް އައްޑޫގެ ރައްޔިތުންނަށް މިފްކޯގެ ތަފާތު އުފެއްދުންތައް ފަސޭހަކަމާއެކު މިހާރު ލިބެމުންދާނެއެވެ.
މިފްކޯއިން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް ޒަމާނީކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރަށްރަށުގައި ހުޅުވާ މި ފިހާރަތަކަކީ ކުންފުނީގެ ވިޔަފާރި ފުޅާކޮށް، ދިވެހި އުފެއްދުންތަކަށް އޮތް ތަރުހީބު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ދެކެއެވެ.