އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ބޭނުންވާ އިކުއިޓީ ސަރުކާރުން ހަމަޖައްސައިދެނީ

c8273799-634a-48f6-9d28-03a156e6fe4b

އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ސަރުކާރުން ހަމަޖައްސައިދޭން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގެދޮރުވެރިކަމާ ގުޅޭ ވަޢުދުތައް ފުއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ލޯނު ނަގާއިރު ގިނަ ރައްޔިތުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހަމަނުޖެހުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ހައުސިންގް ޓްރަސްޓް ފަންޑު އިތުރަށް ފުޅާކޮށް، އެ ފަންޑުގައި ހުރި ފައިސާގެ މިންވަރު އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ފަންޑު ބޮޑުކުރުމުގެ މައިގަނޑު ބޭނުމަކީ ގެދޮރު އެޅުމަށް ނަގާ ލޯނުތަކުގެ އިކުއިޓީ އެ ފަންޑުން ހަމަޖައްސައިދިނުމެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަނީ ފަންޑު ބޮޑުކޮށްގެން މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ލިބޭ ޖާގައިންނާ އެކީގައި އަދި މި އަހަރު ތެރޭގައިވެސް މަސައްކަތްކުރާނަން އިކުއިޓީ ފައިނޭންސް ދެވޭ ގޮތަށް،" ރައީސް ވިދާޅުވިއެވެ.

މި އިންތިޒާމު ހަމަޖެހުމުން، ބޭންކުތަކުން ފައިސާ ހޯދައިގެން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގެ ފުރުޞަތު ވަރަށް ގިނަ ފަރާތްތަކަށް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އަތޮޅުތެރޭގެ 13 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިނޭންސްގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އަދި މާލޭގައި ބީއެމްއެލްއިން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، އަމިއްލަ ކުންފުނިތަކާ ގުޅިގެން ތަފާތު އައު ފައިނޭންސިންގް މޮޑެލްތަކެއްގެ ދަށުން ހައުސިންގް މަޝްރޫޢުތައް ފެށުމަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ތައްޔާރީތައް ވަމުންދާކަންވެސް ރައީސް މިއަދު ވަނީ އިޢުލާނުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ