ދުންފަތާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ ވަށާޖެހޭ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ވަށާޖެހޭ އުސޫލެއްގެ ތެރެއިން ރޭވިގެން ކުރިއަށްދާ ކަންކަން ކަމަށާއި، މި މަސައްކަތުގައި ސަރުކާރުން ފަހަތަށް ފިޔަވަޅެއް ނާޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސިގިރެޓާއި ދުންފަތުގެ އެހެނިހެން ބާވަތްތަކުގެ ޑިއުޓީއަށް ގެންނަ ބަދަލުތަކަކީ ފަންނީ ލަފަޔާއި ދިރާސާތަކަށް ރިއާޔަތްކޮށް ގެންނަ ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު އެއް މަގުސަދަކީ ޅައުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުން ހުއްޓުވުމަށްޓަކައި 'ޖެނެރޭޝަނަލް ބޭން' އެއް ތައާރަފުކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ފެތުރެމުންދިޔަ ނުރައްކަލެއް ހުއްޓުވުމަށް ވޭޕް މަނާކުރުމަށް ނިންމެވި ނިންމެވުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ބަދަލާއެކު ގިނަ ބަޔަކު ސިގިރެޓު ބުއިމަށް ބަދަލުވެދާނެތީ އެކަން ހުއްޓުވުމަށް ސިގިރެޓުގެ ޑިއުޓީ ބޮޑުކުރަން ނިންމެވި ކަމަށެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީވެސް ދުންފަތުން މީހުން ދުރުކުރުމުގެ ދިގު ރާސްތާގެ ތެރެއިން ކުރެވޭ މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުންފަތުން މީހުން ދުރުކުރުމަށް މަދަނީ ޖަމްއިއްޔާތަކާ ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މިގޮތުން މި ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ފަރާތްތަކަށް ގައުމީ ފެންވަރުގައި އިނާމު ދިނުމަށާއި، މި މަސައްކަތުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

"މިކަމުގައި (ދުންފަތުން ސަލާމަތްވުމަށް) ބޭނުންކުރާ ހުރިހާ އާލަތްތަކުން ނަގަމުން އަންނަ ޑިއުޓީތައް ކަނޑައިލުމަށް މަޖިލީހަށް މިހާރު ފޮނުވާފައިވާ އިސްލާހުގައި ހިމަނާފައިވާނެ. އެހެންވީމާ ވަށާޖެހޭ ޕްރޮގުރާމެއްގެ ތެރެއިން މިކަން މިކުރަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދުންފަތަށް ދެވިހިފާފައިވާ މީހުން ސިއްހީ ގޮތުން މާ ނުރައްކާތެރި ބާވަތްތަކަށް ބަދަލުވުން ހުއްޓުވުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެންމެން ގުޅިގެން ކުރާ މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތަނުގައި ދިވެހި މުޖުތަމައަކީ ދުޅަހެޔޮ މުޖުތަމައަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ