ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ތިބި ސިޔާސީ ނޫން މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ ޚިލާފުވެވަޑައިނުގަންނަވާ ކަމަށާއި، އެ ވަޢުދުފުޅު ފުއްދަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިހާރުވެސް ހިފެހެއްޓިފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ލ. ކުނަހަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސިޔާސީ މަޤާމުތައް ފިޔަވައި، އެހެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއަދުގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ ވަޢުދުފުޅު ފުއްދަވާފައިވާނެ ކަމަށާއި، ކުންފުނިތަކުން މިހާރު ކުރަމުންދަނީ އިޤްތިޞާދީ ގޮތުން އަޅަންޖެހޭ ކޮންމެހެން މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.
ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމާއި "ރައިޓްސައިޒް" ކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި ކުރަން މަޖުބޫރުވެފައިވާ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން ކުންފުނިތަކުގެ އެޗްއާރް އޮޑިޓްތައް ހަދައި، ބޭނުންވާ މިންވަރަށް މުވައްޒަފުންގެ އަދަދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާ ގުޅިގެން ޚަރަދުތައް ކުޑަކުރުމަކީ ދައުލަތަށް ލާޒިމު ކަމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތައް އެޅުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި އެޅޭ ހެޔޮ ފިޔަވަޅެކެވެ.
ވަޒީފާއިން ވަކިކުރާ ބައެއް މުވައްޒަފުންނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕްރޮބޭޝަން މުއްދަތުގައި މަސައްކަތަށް ފަރުވާކުޑަކުރުމާއި، ގަޑިޖެހުމާއި، ނުވަތަ ކުންފުންޏަށް ގެއްލުންވާ ފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަކީ ވަޢުދާ ޚިލާފުވުން ނޫން ކަމަށެވެ. "އެޓް އެނީ ކޯސްޓް ކޮންމެ ގޮތެއްވިޔަސް މުވައްޒަފުން ބޭތިއްބުމެއް ނޫން އޭގެ މާނައަކީ،" ރައީސް ވިދާޅުވިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އުޞޫލުތަކުގެ ދަށުން ކުންފުނިތަކުން އަޅާ އިދާރީ ފިޔަވަޅުތަކަކީ ހިންގުން ހަރުދަނާކުރުމުގެ ބައެއް ކަމަށާއި، ވައްކަންކުރުން ފަދަ ކަންކަމުގައި ފިޔަވަޅު ނާޅާ ބޭތިއްބުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމުގެ މަސައްކަތް މިހާރު އޮތީ އަމަލީ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނިކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، ވަކި މީހަކަށް އަމާޒުކޮށްގެން ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރުމުގެ އެއްވެސް އަމުރެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށާއި، މަޤްޞަދަކީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ހިންގުން ހަރުދަނާކުރުން ކަމަށެވެ. ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް، ހިންގުން ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.