ބްރެޒިލުން ފަހު ވަގުތު ޖަޕާން ބަލިކޮށް ވޯލްޑް ކަޕުގެ ގަދަ 16 އަށް ދަތުރުކޮށްފި

ބްރެޒިލް ކޮޅަށް ލަނޑު ޖެހުމަށްފަހު ޖަޕާނުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ވޯލްޑް ކަޕުގައި ޖަޕާން ކޮޅަށް ލަނޑު ޖެހުމަށްފަހު ބްރެޒިލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި، ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ޖަޕާން ބަލިކޮށް ބްރެޒިލުން ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

މި މެޗު ބްރެޒިލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ ޓީމަށް ބޮޑު ސިހުމެއް ލިބުނީ ޖަޕާނުގެ ކައިޝޫ ސާނޯ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދިނުމުންނެވެ. ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ކައިރިން ނައްޓާލުމަށްފަހު، އޭރިއާ ބޭރުން ސާނޯ ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ ތެރެއަށެވެ. މި ލަނޑާއެކު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ބްރެޒިލް ޓީމު މުބާރާތުން ވަކިވާންޖެހިދާނެ ފަދަ ބިރުވެރި ހާލަތަކަށް ދިޔައެވެ.

ދެވަނަ ހާފުގައި ބްރެޒިލުން ކުޅުން ރަނގަޅުކޮށް، މެޗުގެ ނަތީޖާ ހަމަހަމަކުރީ ކަސެމީރޯއެވެ. ފުރަތަމަ ހާފުގައި ހެދުނު ގޯސް ރަނގަޅުކޮށް، އޭނާ މި ލަނޑު ޖެހީ ގަބްރިއަލް ނަގައިދިން ހުރަހެއް ބޮލުން ފޮނުވާލައިގެންނެވެ. މި ލަނޑާއެކު ބްރެޒިލްގެ ކުޅުންތެރިންނަށް އައު އުއްމީދެއް ލިބި، ޖަޕާނުގެ ގޯލަށް ބާރުބޮޑުކުރަން ފެށިއެވެ.

މެޗުގެ ފަހުކޮޅު ވިނީޝިއުސް ޖޫނިއަރ އަމިއްލަ ހުނަރު ބޭނުންކޮށްގެން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޖަޕާނުގެ ގޯލްކީޕަރު ޒިއޯން ސުޒުކީ ދިފާއުކުރި ނަމަވެސް، އެ ބޯޅަ ޖެހުނީ ގޯލުގެ ދަނޑީގައެވެ. ބްރެޒިލުން ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުގެ ނަތީޖާ ފެނުނީ މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައެވެ.

މެޗުގެ ނަތީޖާ އެއްވަރުވެގެން ނިމެން ދަނިކޮށް، ބްރެޒިލަށް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ގަބްރިއަލް މާޓިނެލީއެވެ. އޭނާ ފޮނުވާލި ބޯޅަ ހުއްޓުވުމަށް ކީޕަރު ސުޒުކީ މަސައްކަތް ކުރި ނަމަވެސް، އޭނާގެ އަތުގައި ޖެހިފައި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ދަނޑީގައިވެސް ޖެހިފައެވެ. މި ލަނޑާއެކު ޖަޕާނުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ލިބުނީ ބޮޑު މާޔޫސްކަމެކެވެ.

މިއީ ވޯލްޑް ކަޕުގެ ނޮކައުޓް މަރުހަލާގައި ޖަޕާނުން ލީޑު ނަގައި، ނަތީޖާ ދަމަހައްޓާނުލެވި ބަލިވި ތިންވަނަ މެޗެވެ. މި މޮޅާއެކު ގަދަ 16 އަށް ދަތުރުކުރި ބްރެޒިލް ދެން ބައްދަލުކުރަން ޖެހޭނީ އައިވަރީ ކޯސްޓް ނުވަތަ ނޯވޭއާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ