ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުދުހުންތައް ފުޅާކުރުމަށް ގެނައި ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓުން މިހާތަނަށް 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ބޯޓު އޮޕަރޭޓު ކުރަން ފެށި ފަހުން ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި ދަތުރުކުރި މީހުންގެ ތެރެއިން 55،000 އަކީ ފަތުރުވެރިން ކަމަށެވެ. މީގެ އިތުރުން، އުމްރާއަށާއި ހައްޖަށް ދާ ދިވެހިންނާއި، ސްކޫލު ޗުއްޓީއާ ދިމާކޮށް އިންޑިއާގެ ޓްރިވަންޑްރަމާއި ކޮޗިންއަށް ދަތުރުކުރާ މީހުންވެސް މި ބޯޓު ބޭނުންކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އަމީން ވިދާޅުވި ގޮތުގައި ވައިޑް ބޮޑީ ބޯޓެއް ރާއްޖޭގެ ގައުމީ އެއާލައިނުގައި އޮތުމަކީ ހަމައެކަނި ވިޔަފާރީގެ ގޮތުން ކުރިއެރުމެއް ނޫނެވެ. އެއީ ރާއްޖޭގެ ގައުމީ ސަލާމަތާވެސް ގުޅިފައިވާ ކަމެކެވެ. ދުނިޔެއަށް ދިމާވާ ނާޒުކު ހާލަތްތަކުގައި، އެހެން ގައުމުތަކަށް ބަރާސާނުވެ، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ ގެނައުމަށާއި ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ދަތުރުކުރުމުގެ ގާބިލުކަން މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ފަދަ ހާލަތްތަކުގައިވެސް، އަމިއްލަ ބާރުގައި ދުނިޔޭގެ ކޮންމެ ހިސާބަކަށް ދެވޭނެ ފަދަ ބޯޓެއް އޮތުމަކީ ގައުމުގެ ސެކިއުރިޓީއަށް ވަރަށް މުހިއްމު ކަމެއް،" ވަޒީރު ވިދާޅުވިއެވެ.
މިހާރު މި ބޯޓު ބޭނުންކޮށްގެން ޗައިނާގެ ތިން މަންޒިލަކަށާއި އޮސްޓްރޭލިއާއަށް ދަތުރުތައް ކުރަމުންދާއިރު، ބަންގުލަދޭޝް ފަދަ ގިނަ އަދަދެއްގެ ފަސިންޖަރުން ދަތުރުކުރާ މަންޒިލްތަކަށްވެސް ބޭނުންޖެހޭ ހާލަތްތަކުގައި މި ބޯޓު ބޭނުންކުރާ ކަމަށް ވަޒީރު މައުލޫމާތު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ގައުމީ އެއާލައިންގެ ފްލީޓް ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން، 2025 ވަނަ އަހަރު ފުރަތަމަ ބޯޓު ގެނައުމަށްފަހު، މި އަހަރު ނިމުމުގެ ކުރިން ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓެއް ރާއްޖެއަށް ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، ދިވެހި އިގުތިސާދަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.