އަންނަ މަހު ޝަންގްރިއްލާގެ އޮޕަރޭޝަންތައް ފުޅާކުރަނީ؛ ހަންކެޑެ މަޝްރޫއު ފެށުމާ ގާތަށް

ޝަންގްރިއްލާ ރިސޯޓަށް ރައީސް ޑރ.މުޢިއްޒު ކުރެއްވި ޒިޔާރާތުގެ ތެރެއިން
ޝަންގްރިއްލާ ރިސޯޓަށް ރައީސް ޑރ.މުޢިއްޒު ކުރެއްވި ޒިޔާރާތުގެ ތެރެއިން

އައްޑޫ ސިޓީގައި ހިމެނޭ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ އޮޕަރޭޝަންތައް އަންނަ ޖުލައި މަހުގެ ތެރޭގައި އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށާއި، އެ ސިޓީގެ ފަތުރުވެރިކަމަށް މުހިންމު ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާ ގާތަށް ވާސިލުވެވިފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން 2020 ވަނަ އަހަރު އޮޕަރޭޝަންތައް ހުއްޓާލި ޝަންގްރިއްލާ ރިސޯޓު މިހާރު ހުޅުވާފައި އޮތް ނަމަވެސް، އެތަން ހިންގަމުންދަނީ ވަރަށް ކުޑަ ކެޕޭސިޓީއެއްގައި ކަމަށެވެ. ނަމަވެސް، ރިސޯޓުގެ އޮޕަރޭޓަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، އަންނަ ޖުލައި މަހުގެ މެދުތެރެއަށް ދާއިރު އެތަނުގެ އޮޕަރޭޝަންތައް ބޮޑުތަނުން ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ޝަންގްރިއްލާ ރިސޯޓު 2020 ވަނަ އަހަރު ބަންދުކުރުމާ ގުޅިގެން އެތަނުގައި ވަޒީފާ އަދާކުރަމުންދިޔަ 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލި، އައްޑޫގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވިއެވެ. އެ ރިސޯޓު އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް، ސަރުކާރުން ކުރި މަސައްކަތުން ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައި ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފަށާފައިވަނީ 30 ޑިސެންބަރު 2025 ގައެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ރާވާފައިވާ ހަންކެޑެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު އަމީނު ވިދާޅުވީ، އެ މަޝްރޫއަކީ މީގެ ކުރީގެ ސަރުކާރުތަކުންވެސް އިއުލާނުކޮށް، ނަމަވެސް އަމަލީ ސިފައެއް ނައިސް އޮތް މަޝްރޫއެއް ކަމަށެވެ. މި ސަރުކާރުން މިހާރު އަންނަނީ ތަފާތު ވިސްނުމެއްގެ ދަށުން އެ މަޝްރޫއު ފެށުމަށް ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާގިނަ ދުވަސްތަކެއްނުވެ، ވަރަށް ތަފްސީލީ މަޝްރޫއެއް އިއުލާނުކުރެވި، އަމަލީ މަސައްކަތް ފެށޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

އައްޑޫގެ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން، އައްޑޫއާއި ފުވައްމުލަކު އަދި ހުވަދު އަތޮޅު ވައިގެ މަގުން ގުޅުވައިދޭ ވަރުގަދަ ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދީ، މުޅި ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ފަތުރުވެރިކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވި ނަމަވެސް، މިހާރު ފެށިފައިވާ މަޝްރޫއުތަކާއެކު އެ ސިޓީގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ