އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ޝަކީލު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަކީލު އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފައިވޭ
އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަކީލު އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފައިވޭ

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު މުޙައްމަދު ޝަކީލު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޝަކީލު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އޭނާ އެ ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމާ ގުޅޭގޮތުން މަޖިލީހުގެ ލަފާފުޅަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވާފައިވަނީ އިއްޔެގެ ޖަލްސާގައެވެ. އެއާއެކު، އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ޝަކީލާ އިތުރަށް އިންޓަވިއު ނުކުރުމަށެވެ. ކޮމިޓީން މިގޮތަށް ނިންމީ، ކޮމިޝަނުގެ މެންބަރުކަމަށް އޭނާ އައްޔަންކުރުމުގެ ކުރިން، މިދިޔަ ހަފުތާގައި ކޮމިޓީން އޭނާއާ އިންޓަވިއުކޮށް، ތައުލީމީ ގާބިލުކަމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި ރުހުން ދީފައިވާތީއެވެ. އެހެންކަމުން، ކޮމިޓީން އިއްޔެ ނިންމީ އޭނާ ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމަށް ރުހުން ދިނުމަށެވެ.

މުޙައްމަދު ޝަކީލަކީ މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑީޖީގެ މަގާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން، 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ.

އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަކީލު ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ޙައްޖު ކޯޕަރޭޝަނުގައި ހުންނެވި ދުވަސްވަރު އެ ކުންފުނީގެ ހިންގުމަށާއި ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެންނަވައި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ