ސަމާލުވޭ! ހިމަބިހި ހަލުވިކަމާއެކު ފެތުރެނީ، ފާއިތުވި ހަފުތާގައި އެކަނިވެސް 44 ކޭސް

ހިމަބިހި

ރާއްޖޭގައި ހިމަބިހި (މީސްލްސް) ފެތުރޭ މިންވަރު އިތުރުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން 66 މީހަކަށް މި ބަލި ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ހަފުތާއަކީ މި ބަލި ފެތުރުމުގައި ނިސްބަތުން ބޮޑު އިތުރުވުމެއް ފާހަގަކުރެވުނު ހަފުތާއެކެވެ. އެގޮތުން ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 44 ކޭސް ވަނީ ފެނިފައެވެ. މިއީ މި އަހަރުގެ މިހާތަނަށް ފެނުނު ކޭސްތަކުގެ ބޮޑު އިންސައްތައެއްކަން ފާހަގަކުރެވެއެވެ.

ހިމަބިހީގެ އަލާމާތްތަކަށް ސަމާލުވުމަށް އިލްތިމާސްކުރަމުން އެޗްޕީއޭއިން ބުނީ، ގަދައަށް ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަންޖެހޭނެ ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދައްކަންދާއިރު، އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ ވަކިން އެކަހެރިވެގެން ތިބުމަކީ މުހިންމު ކަމެއް ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަބިއްސަކީ "މީސްލްސް ވައިރަސް" ގެ ސަބަބުން ޖެހޭ، ވަރަށް ހަލުވިކަމާއެކު ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވާ ވައިރަސް، ނޭވާލުމުގެ ނިޒާމުގެ ތެރެއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާސިލުވެއެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ބަލިޖެހިފައިވާ މީހަކާއެކު އުޅޭ މީހުންގެ ތެރެއިން ބައްޔަށް ދިފާއީ ބާރު ނެތް މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު 90 އިންސައްތައަށް އޮވެއެވެ.

މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ފަހި މަގަކީ ވެކްސިން ފުރިހަމަކުރުމެވެ. ރާއްޖޭގެ ގައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން، ކުޑަކުދިންނަށް 9 މަހުގައި އެމްއާރު (MR) ވެކްސިން އަދި 18 މަހުގައި އެމްއެމްއާރު (MMR) ވެކްސިން ދެމުންގެންދެއެވެ. މި ވެކްސިންތަކަކީ ހިމަބިއްސާއި ރުބެއްލާ ފަދަ ނުރައްކާތެރި ބަލިތަކުން ދިފާއުކޮށްދޭ ވެކްސިންތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ