ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު ތޯރިގު އިބްރާހީމް ފަތްކޮޅު ހުށަހަޅުއްވައިފި

ސަފީރު ތޯރިގު އިބްރާހީމް ފަތްކޮޅުގެ ކޮޕީ ހުށަހަޅުއްވަނީ
ސަފީރު ތޯރިގު އިބްރާހީމް ފަތްކޮޅުގެ ކޮޕީ ހުށަހަޅުއްވަނީ. ފޮޓޯ: ޔޫއޭއީ ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އައު ސަފީރު ތޯރިގު އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ އެ ގައުމުގެ ސަރުކާރަށް ރަސްމީކޮށް ހުށަހަޅުއްވައިފިއެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ތޯރިގު އިބްރާހީމްގެ ފަތްކޮޅުގެ ކޮޕީއާ ހަވާލުވެވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާ ގުޅޭގޮތުންނާއި، އެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި އަންޑަސެކްރެޓަރީ އުމަރު އުބައިދު ވަނީ ދެ ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރާއްޖޭގެ އައު ސަފީރަށް މަރުހަބާ ދަންނަވައި، އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޔޫއޭއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށްވެސް އަންޑަސެކްރެޓަރީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ތޯރިގު އިބްރާހީމް ވަނީ ޔޫއޭއީގެ ރައީސް އައްޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ހިކުމަތްތެރި ލީޑަޝިޕްގެ ދަށުން އެ ގައުމުން ހޯދަމުންދާ ބޮޑެތި ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ. ހާއްސަކޮށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޔޫއޭއީން އަދާކުރަމުންދާ މުހިންމު ދައުރާއި، އެ ގައުމުން ހޯދާފައިވާ ތަރައްގީއަކީ ނަމޫނާއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ފުޅާކޮށް، އާ އުސްމިންތަކަކަށް ގެންދިއުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.

ތޯރިގު އިބްރާހީމަކީ މީގެ ކުރިން ދިވެހި ސަރުކާރުގެ މުހިންމު ވަޒީރުކަމުގެ މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރުކަމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައެވެ. ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ މަގާމުގައެވެ.

ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަނީ ވަރަށް ގާތް އަދި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ހާއްސަކޮށް އިގްތިސާދީ، ތައުލީމީ އަދި ތަރައްގީގެ ދާއިރާއިން ޔޫއޭއީއަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެކެވެ. އައު ސަފީރަކު އައްޔަން ކުރެއްވުމާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިވެ، އާ އިންވެސްޓްމަންޓްތަކާއި ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ