ރާއްޖޭގައި ބާނާ މަސް ތާޒާކަމާއެކު ރައްކާކުރެވޭނެ ނިޒާމުތައް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ހަތް ރަށެއްގައި ކޯލްޑް ސްޓޮރޭޖް ފެސިލިޓީތައް ގާއިމުކުރުމުގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށްދާކަން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހާމަކޮށްފިއެވެ.
މިނިސްޓްރީން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، މިހާރު ކުރިއަށްދާ ހަތް މަޝްރޫއު އެއްކޮށް ނިމުމުން ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރު 10,900 ޓަނަށް އިތުރުވެގެންދާނެއެވެ.
މި މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާގެ އެގްޒިމް ބޭންކާއި، ސައުދީ ޑިވެލޮޕްމެންޓް ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުންނެވެ.
މިއީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތްތަކެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިއަހަރުގެ ނިޔަލަށް ހަތަރު ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޅ. ފެލިވަރު: 4,000 ޓަނުގެ ކޯލްޑް ސްޓޮރޭޖް (މަސައްކަތުގެ 78 އިންސައްތަ ނިމިފައި)
- ގއ. ކޫއްޑޫ: 4,000 ޓަނުގެ ކޯލްޑް ސްޓޮރޭޖް (މަސައްކަތުގެ 25 އިންސައްތަ ނިމިފައި)
- ގދ. ތިނަދޫ: 1,000 ޓަނުގެ ކޯލްޑް ސްޓޮރޭޖް (މަސައްކަތުގެ 75 އިންސައްތަ ނިމިފައި)
- މ. މުލަކު: 500 ޓަނުގެ ކޯލްޑް ސްޓޮރޭޖް (މަސައްކަތުގެ 20 އިންސައްތަ ނިމިފައި)
މި ހަތަރު ރަށުގެ މަސައްކަތްވެސް މިއަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހއ. އިހަވަންދޫގައި ގާއިމުކުރާ 1,000 ޓަނުގެ ކޯލްޑް ސްޓޮރޭޖާއި، ކަނޑުއޮތްގިރީގައި އަޅާ 200 ޓަނުގެ ފެސިލިޓީ ހިމެނެއެވެ. އިހަވަންދޫގެ މަސައްކަތުގެ 2 އިންސައްތަ އަދި ކަނޑުއޮތްގިރީގެ 10 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން ތ. ހިރިލަންދޫގައި ގާއިމުކުރާ 200 ޓަނުގެ ކޯލްޑް ސްޓޮރޭޖުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުއެވެ.
މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުވުމަކީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކުން ފައިދާ ހޯދުމަށް ލިބޭނެ ބޮޑު ފުރުސަތެކެވެ. މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ މަސް ރައްކާކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން، ބާޒާރުގައި އަގު ދަށް ދުވަސްވަރުވެސް މަސް ބޭރުކުރަން މަޖުބޫރުވުމެވެ.
ނަމަވެސް އާ ފެސިލިޓީތަކާއެކު، އަގު ދަށް ދުވަސްވަރު މަސް ރައްކާކޮށްފައި ބެހެއްޓުމަށްފަހު، އަގު އުފުލުމުން ބޭރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން މަސްވެރިންނަށް ދޭ އަގު މަތިކުރުމަށް މަސް ކުންފުނިތަކަށް މާލީ ގޮތުން މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.