ވަޓްސްއެޕުން ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒާނޭމް ބޭނުންކުރެވޭ ގޮތް ހަދަނީ

5ae4e3d9-7a8c-4fc4-b690-ce1d6bd72523

ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި، ފޯނު ނަންބަރު ހާމަނުކޮށް ޔޫޒާނޭމް ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެ ފުރުސަތު ދޭން އެ ކުންފުނިން ނިންމައިފިއެވެ.

މެޓާ ކުންފުނީގެ ދަށުން ހިންގާ ވަޓްސްއެޕުން ހާމަކުރި ގޮތުގައި، މި ބަދަލާއެކު ޔޫޒަރުންނަށް އަމިއްލަ ޔޫޒާނޭމެއް ހިޔާރުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މިއަހަރުގެ ފަހުކޮޅު މި ހިދުމަތް ރަސްމީކޮށް ފެށުމުން، އެހެން މީހުންނަށް އެ މީހަކު ހޯދޭނީ ހަމައެކަނި އެ ޔޫޒާނޭމް މެދުވެރިކޮށެވެ. މިއީ ތިން ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ މި އެޕްލިކޭޝަނުގައި ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ވަޓްސްއެޕްގެ ވައިސް ޕްރެޒިޑެންޓް އޮފް ޕްރޮޑަކްޓް އެލިސް ނިއުޓަން-ރެކް ވިދާޅުވި ގޮތުގައި، މިއީ ޔޫޒަރުންގެ ރައްކާތެރިކަމަށް އިސްކަންދީގެން ފަރުމާކޮށްފައިވާ ފީޗާއެކެވެ. މި ބަދަލާއެކު، ޔޫޒާނޭމްތައް ހޯދޭނެ އާންމު ޑައިރެކްޓަރީއެއް ނުވަތަ އޮޓޯކޮމްޕްލީޓް ސަޖެޝަނެއް ނުހުންނާނެއެވެ. އެހެންކަމުން، މީހަކާ އަލަށް ވާހަކަދައްކަން ބޭނުންނަމަ، އެ މީހެއްގެ ސީދާ ޔޫޒާނޭމް އެނގެން ޖެހޭނެއެވެ.

ޔޫޒާނޭމްތަކުގައި ހުންނަން ޖެހޭނީ 3 އަކުރާއި 35 އަކުރާ ދެމެދުގެ އަދަދެކެވެ. މީގެ އިތުރުން، މަޝްހޫރު ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން އެކައުންޓް ހެދުން ހުއްޓުވުމަށްޓަކައި، އެފަދަ ފަރާތްތަކުގެ ޔޫޒާނޭމްތައް ވަޓްސްއެޕުން ހާއްސަކޮށް ރިޒާވްކުރާނެއެވެ. އަދި އިންސްޓަގްރާމް އާއި ފޭސްބުކްގައި މިހާރުވެސް އެކައުންޓް އޮންނަ ވިޔަފާރިތަކާއި ޖަމިއްޔާތަކަށް އެ ފަރާތްތަކުގެ ޔޫޒާނޭމްތައް ކުރިއާލާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މިހާތަނަށް ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ގުޅޭނީ ހަމައެކަނި ފޯނު ނަންބަރު އެނގިގެން ކަމަށްވާއިރު، މި އާ ބަދަލާއެކު ޒާތީ މައުލޫމާތު ހާމަކުރަން ބޭނުންނުވާ ގިނަ ބަޔަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ