މިނިވަން 60 ގެ ހަރަކާތްތަކަށް ހޭދަވީ 4.1 މިލިއަން ރުފިޔާ: ވަޒީރު ހީނާ

ވަޒީރު ހީނާ ވަލީދު މަޖިލީހުގައި މައުލޫމާތު ދެއްވަނީ
ވަޒީރު ހީނާ ވަލީދު މަޖިލީހުގައި މައުލޫމާތު ދެއްވަނީ. ފޮޓޯ: މަޖިލިސް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރިއަށްގެންދިޔަ އެކި ހަރަކާތްތަކަށް ދައުލަތުން ހަރަދުކޮށްފައިވަނީ ޖުމްލަ 4.1 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ މިނިވަން 60 ފާހަގަކުރުމަށް ކުރެވުނު ހަރަދުތަކުގެ ތަފްސީލު ހޯއްދެވުމަށް ސުވާލު ކުރައްވާފައެވެ.

މެންބަރުގެ ސުވާލުގައި، މިނިވަން 60 ފާހަގަކުރުމަށް ވުޒާރާއިން ހިންގި ހަރަކާތްތަކަށް ޖުމްލަ ހަރަދުވީ ކިހާވަރެއްތޯ އާއި، އެ ހަރަދުތަކުގެ ތަފްސީލަކީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން، މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި މި މުނާސަބަތާ ގުޅިގެން ހިންގި ހަރަކާތްތަކާއި އެކަމަށް ހިނގި ހަރަދުތަކުގެ ތަފްސީލު ހާމަކުރުމަށް ވެސް މެންބަރު އެދިވަޑައިގެންފައިވެއެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ހީނާ ވިދާޅުވީ، މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މާލެ ފިޔަވައި އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މިނިސްޓްރީގެ ފަރާތުން ހަރަކާތްތަކެއް ހިންގާފައި ނުވާނެ ކަމަށެވެ.

"މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މާލެ ފިޔަވައި އަތޮޅުތެރޭގެ އެއްވެސް ތަނެއްގައި މި ހަރަކާތްތައް ހިންގާފައެއް ނުވޭ، އެހެންވީމާ އަތޮޅުތެރޭގައި މި ހަރަކާތްތައް ހިންގުމަށް އެއްވެސް ހަރަދެއް ހިނގާފައި ނުވާކަން ފާހަގަކޮށްލަން،" ވަޒީރު ވިދާޅުވިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މާލޭގައި ބޭއްވި ހަރަކާތްތަކަށް ހޭދަވި 4.1 މިލިއަން ރުފިޔާއަކީ އެ ވުޒާރާގެ ބަޖެޓުން އެކަމަށް ހާއްސަކޮށް ހޭދަކުރި މިންވަރެވެ.

މިދިޔަ އަހަރު ފާހަގަކުރި މިނިވަން ދުވަހުގެ ހަރަކާތްތަކަކީ އާންމުންނަށް ބައިވެރިވެވޭ ގޮތަށް ވަރަށް ކުލަގަދަކޮށް ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.

މި ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބޭރު ގައުމެއްގެ އެންމެ އިސްވެރިޔަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ