ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ބިލުގެ އިބުތިދާއީ ބަހުސް ނިންމުމަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތަށް ފާސްކުރަން ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މެންބަރުން ވިދާޅުވީ، ސިނގިރޭޓުގެ ޑިއުޓީ ބޮޑުވުމުގެ ސަބަބުން އަގު އިންތިހާއަށް އުފުލި، ޒުވާނުން ބިޑި އޮޅަން ޖެހިފައިވާ ކަމަށެވެ. އަދި މި ބިލަކީ ޒުވާނުންގެ އެ ކަންބޮޑުވުންތަކަށް ލިބިގެންދާނެ ހައްލެއް ކަމަށާއި، ބިލު ގާނޫނަކަށް ވުމުން ސިނގިރޭޓު ފޮއްޓެއްގެ އަގު ގާތްގަނޑަކަށް 130 ރުފިޔާއަށް ތިރިވާނެ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
މި އިސްލާހުގެ ދަށުން މިހާރު 8 ރުފިޔާ އަށް ހުރި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރުމަށް ވަނީ ހުށަހަޅައިފައެވެ. އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ހުށަހަޅައިފައެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް މަގުސަދަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް އެހީތެރިވެދޭ ވަސީލަތްތަކަށް މަގުފަހިކޮށްދިނުމެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ މާފުކުރުމަށް މި ބިލުގައި ހިމަނާފައިވެއެވެ.
މި ބިލު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.