ތަޖިކިސްތާނުގެ ދުޝަންބޭގައި މިހާރު ކުރިއަށްދާ ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް) ގެ 45 ވަނަ ބޯޑު ބައްދަލުވުމުގައި، ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ތަމްސީލުކުރުމަށް ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމަކީ ދުނިޔޭގެ މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަމާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި، ފަންޑުގެ އިސްތިރާތީޖީ އިސްކަންދޭ ކަންކަމާއި، އޮޕަރޭޝަނަލް ޕޮލިސީތަކުގެ އިތުރުން އިންވެސްޓްމަންޓް ޕޯޓްފޯލިއޯއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެފަދަ ބަދަލުތަކަށް ހޭނުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު އަބްދުﷲ އެވެ. އޭނާއަކީ ޖީސީއެފް ބޯޑުގައި ސިޑްސް ތަމްސީލުކުރައްވާ އަލްޓަނޭޓް ބޯޑު މެންބަރެކެވެ.
ބޯޑުގައި ރާއްޖެއިން އަދާކުރާ ދައުރުގެ ތެރެއިން، މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިކުރުމަށާއި، ކުދި ޖަޒީރާ ގައުމުތަކަށް ހުރި ހާއްސަ ގޮންޖެހުންތަކާއި ނާޒުކު ހާލަތްތައް ފަންޑުގެ މަސައްކަތްތަކުގައި ހިމެނުމަށް ރާއްޖެއިން ވަކާލާތު ކުރަމުންދެއެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތާއި، ބައިނަލްއަގުވާމީ މައިދާނުގައި މިފަދަ ކަންކަމަށް އެއްބާރުލުން ހޯދުމަށް ކުރާ މަސައްކަތުގެ ހެއްކެކެވެ.
ގްރީން ކްލައިމެޓް ފަންޑަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ދުނިޔޭގައި އޮތް އެންމެ ބޮޑު މަލްޓިލޭޓަރަލް ފައިނޭންސް މެކޭނިޒަމެވެ. މި ފަންޑުގެ ޒަރީއާއިން ތަރައްގީވަމުން އަންނަ ގައުމުތަކުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ހިންގާ އެކި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ރާއްޖެ ފަދަ ގައުމުތަކަށް މި ފަންޑުގެ އެހީތެރިކަމަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށި ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި އެހީތެރިކަމެކެވެ.