އެމްއެމްޓީވީ އުފެއްދުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ބަޖެޓުން އެއްވެސް ޚަރަދެއް ކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު، މިއަދު ދޮގުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެމްއެމްޓީވީ ހެދުމަށް އެންސްޕާގެ ބަޖެޓުން އެއްވެސް މިންވަރެއް ހޭދަކޮށްފައި ނުވާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމާފައިވާ ރިޕޯޓުތަކުން އެކަން ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު، އެންސްޕާ ހިންގާނެ އިމާރާތެއް ހޯދުމަށް މާލީ ވުޒާރާއިން ތަކުރާރުކޮށް އިޢުލާނު ކުރުމުންވެސް އެކަމަށް ކުރިމަތިލީ ހަމައެކަނި އެމްއެމްޓީވީ ހިންގާ ކުންފުނިންނެވެ. އެހެންކަމުން، އެންސްޕާ ހިންގާނެ އިމާރާތެއް ހޯދުމަށް މާލީ ވުޒާރާއާއި އެމްއެމްޓީވީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ހުރިހާ މުޢާމަލާތްތަކެއް ހިނގާފައިވަނީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މިކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ތުހުމަތުތައް ކުރަން ފެށުމުން، އެންސްޕާގެ އިސްނެގުމުގެ މަތިން މި މައްސަލަ ބަލައިދިނުމަށް އޭސީސީގައި އެދިފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި އެމްއެމްޓީވީގެ އަގު ވައްޓާލުމަށް ކުރަމުންދިޔަ މަސައްކަތްތަކުގެ ސަބަބުން، ކުންފުނީގެ މެނޭޖުމަންޓުން އެދިގެން އެ އެއްބަސްވުން ބާތިލުކޮށް، އެއްވެސް ފައިސާއެއްގެ މުޢާމަލާތެއް ހިނގާފައިވާނަމަ އެ ފައިސާ އަނބުރާ ދައްކައި މައްސަލަ ނިންމާފައިވާކަން ސާފު ހެކިތަކުން އެނގެން އޮތް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، އެމްއެމްޓީވީ ވުޖޫދަށް ގެނައުމަށް ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ ފައިސާ ބޭނުންކޮށްފައި ނުވާނެ ކަމަށް އެ ކުންފުނިންވެސް ވަނީ ބުނެފައެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީގެ ރިޕޯޓުތަކުގައިވެސް، އެމްއެމްޓީވީ ހަދަން އެންސްޕާ އިން އެއްވެސް ޚަރަދެއް ކޮށްފައިނުވާކަން ކަށަވަރުކޮށްދީފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން ރަސްމީ އިދާރާތަކުގެ ރިޕޯޓުތަކުން ސާބިތުވާ ކަމަށް ވިދާޅުވެ، ވަޒީރު ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރައްވާފައެވެ.