ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ހަތަރު މީހަކު ހައްޔަރުކޮށްފި

ކަސްޓަމްސް އިން އަތުލައިގަނެފައިވާ މަސްތުވާތަކެތި. ފޮޓޯ: ކަސްޓަމްސް
ކަސްޓަމްސް އިން އަތުލައިގަނެފައިވާ މަސްތުވާތަކެތި. ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ ހަތަރު މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ އަމިތު ކުމާރާއި، 23 އަހަރުގެ ރާހުލް ނިޝާދާއި، 26 އަހަރުގެ އަނިލް ކުމާރުގެ އިތުރުން 36 އަހަރުގެ އާކާޝް ޔާދަވްއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހިމެނޭ އަމިތު ކުމާރު ރާއްޖެ އައީ އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ފޮރުވައިގެންނެވެ. މިކަން ފަޅާއެރުމާ ގުޅިގެން ފުލުހުން ވަނީ "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ދެން ތިބި ތިން މީހުން ހައްޔަރުކުރީ އެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ވަގުތު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ގާޒީ އިބްރާހިމް އިހުސާން ވަނީ އެމީހުންގެ ބަންދަށް ދެ ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. ކޯޓުން ބުނި ގޮތުގައި މިހާ ކުރު މުއްދަތެއް ދީފައިވަނީ، މައްސަލައިގެ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަރުޖަމާނަކު އެ ވަގުތު ހަމަޖެހިފައި ނުވާތީއެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ރޭވުންތެރިކަމާއެކު ހިންގާފައިވާ އަމަލެކެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯ ހުރި ކަމަށް ލަފާކުރެވޭއިރު، މި މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ. ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މައްސަލަތަކުގައި އިންޑިއާގެ ރައްޔިތުން ހިމެނޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ