ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދާއިމީ ތަރިކައިގެ ލިސްޓުގައި ހިމެނޭނެ ކަމަށް ބެލެވެނީ 2027 ގެ ފަހުކޮޅު: ހީނާ

ChatGPT Image Jul 1, 2026, 01_23_20 PM

ރާއްޖޭގައި ހުރި އާސާރީ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި 2027 ވަނަ އަހަރުގެ ފަހުކޮޅު ހިމެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި މަސައްކަތުގެ ތަފްސީލު ހިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ، ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނުމަށް ބޭނުންވާ ނޮމިނޭޝަން ފައިލް ނުވަތަ ޑޮޒިއާ މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ޔުނެސްކޯއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިވެލުއޭޝަންތައް ހެދުމަށް ޔުނެސްކޯގެ ޓީމެއް އަންނަ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ހުށަހަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ މާލޭ ހުކުރު މިސްކިތުގެ އިތުރުން، ހއ. އިހަވަންދޫ ހުކުރު މިސްކިތާއި، ރ. މީދޫ ބާ މިސްކިތާއި، އދ. ފެންފުށީ ހުކުރު މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ. މި މިސްކިތްތަކަކީ ރާއްޖޭގެ ކާބަފައިންގެ ހުނަރުވެރިކަމާއި ހިރިގަލު ވަޑާމުގެ ފުރިހަމަކަން ދައްކުވައިދޭ މުހިންމު ބިނާތަކެކެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޔުނެސްކޯގެ ޓީމު އައުމުގެ ކުރިން މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތަކާއި މެނޭޖްމަންޓް ޕްލޭންތައް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އިވެލުއޭޝަން މަރުހަލާއަށްފަހު ގެންނަންޖެހޭ ބަދަލުތައް ގެނެސް، 2027 ވަނަ އަހަރުގެ ފަހުކޮޅު މި ތަންތަން ދާއިމީ ލިސްޓުގައި ހިމެނިގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ