ވ. އާރަށުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި، ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ އާރަށު މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށް، މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ތަހުވީލުކުރި މަރުހަލާގައި ދައުލަތުން ހުށަހެޅި އައު ހެކިތަކާ ގުޅޭ މައްސަލައެކެވެ. ހައިކޯޓުން އެ ހެކިތައް ބަލައިނުގަތުމަށް ނިންމުމުން، ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިއްވެވި ރައުޔުގައި ވިދާޅުވީ، ދައުލަތުން ހުށަހެޅި ނުކުތާތަކަކީ ހައިކޯޓު މަރުހަލާގައި ފާހަގަކޮށްފައިވާ ކަންކަމަށް ނުވާތީ، އެއީ މުޅިން އައު ކަންތައްތަކެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. އަދި އެފަދަ އައު ނުކުތާތަކެއް ސުޕްރީމް ކޯޓުން ބަލައިގަންނަންޖެހޭ ފަދަ އިސްތިސްނާ ހާލަތެއް އޮތްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫންގެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއީދު ކުރައްވާފައެވެ. އެހެންކަމުން، ހައިކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ އިއްތިފާގުން ނިންމާފައެވެ.
މި ނިންމުމާއެކު، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ އާރަށު މައްސަލައިގެ އަލުން ބެލުމުގެ މަރުހަލާގައި ދައުލަތުން ހުށަހެޅި އައު ހެކިތައް ބޭނުމެއް ނުކުރެވޭނެއެވެ. ރައީސް ޔާމީންގެ މައްޗަށް ކުރިން އިއްވި 11 އަހަރުގެ ހުކުމް ހައިކޯޓުން ބާތިލްކުރީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.