ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުން 40 އަހަރަށްފަހު މެކްސިކޯ މޮޅުވެއްޖެ

އެކުއަޑޯ ކޮޅަށް ލަނޑުޖެހުމަށްފަހު މެކްސިކޯގެ ހިމެނޭޒް އުފާ ފާޅުކުރަނީ
އެކުއެޑޯއާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ޓީމުގެ ބުރުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި އެކުއަޑޯ 2-0 އިން ބަލިކޮށް، މެކްސިކޯ އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ. މިއީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރުގައި މެކްސިކޯ އިން ހޯދި ފުރަތަމަ މޮޅެވެ.

މެކްސިކޯ އިން އެންމެ ފަހުން ނޮކްއައުޓް ބުރުގެ މެޗަކުން މޮޅުވެފައިވަނީ 1986 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައި ބަލްގޭރިއާ އާއި ވާދަކޮށްގެންނެވެ.

މިއަދުގެ މެޗު ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގަޑިއިރަކަށް ލަސްވި ނަމަވެސް، މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި 80,000 އަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ފެހި ކުލައިގެ ޖާޒީގައި ޓީމަށް ހޫނު ތަރުހީބެއް ދީފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޫލިއަން ކީނޯނޭސްއެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ. އޭގެ ނުވަ މިނެޓު ފަހުން، މެކްސިކޯގެ ދެވަނަ ލަނޑު ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒްއެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 47 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ މެކްސިކޯގެ އެންމެ ގިނަ ލަނޑު ޖެހި ހާވިއޭ ހެނާންޑޭޒްގެ ރެކޯޑާ ފަސް ލަނޑަށް ގާތްކޮށްފައެވެ.

މި މެޗުގައި މެކްސިކޯގެ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ވަނީ ތާރީޚީ ރެކޯޑެއް ގާއިމުކޮށްފައެވެ. އޭނާ އަކީ ފުޓްބޯޅަ ލެޖެންޑް ޕެލޭއަށް ފަހު ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެކުއަޑޯގެ ޕިއޭރޯ ހިންކާޕީއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

މުބާރާތުގެ ގަދަ 16 ގައި މެކްސިކޯ ބައްދަލުކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ ކޮންގޯއާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަވަނަ ދުވަހު މެކްސިކޯ ސިޓީ ސްޓޭޑިއަމްގައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެ ސްޓޭޑިއަމްގައި ކުޅޭނެ ފަހު މެޗެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ