ހެރީ ކޭންގެ ދެ ލަނޑާއެކު ކޮންގޯ ބަލިކޮށް އިންގްލެންޑް ގަދަ 16 އަށް

ކޮންގޯ ކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އެޕީ
ކޮންގޯ ކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އެޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގެ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ ބަލިކޮށް، މުބާރާތުގެ ގަދަ 16 އަށް އިންގްލެންޑް ދަތުރުކޮށްފިއެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންގްލެންޑަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި ނަމަވެސް، މެޗުގެ ފަހުކޮޅު ކެޕްޓަން ހެރީ ކޭން ކާމިޔާބުކުރި ދެ ލަނޑާއެކު އެ ޓީމުން ވަނީ މުހިންމު މޮޅެއް ހޯދާފައެވެ. މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ކޮންގޯއިން ވަނީ ލަނޑެއް ޖަހައި އިންގްލެންޑް ސިއްސުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަޔަން ކިބަމްބޭ ސިޕެންގާއެވެ.

ކޮންގޯގެ ލަނޑަށްފަހު އިންގްލެންޑުގެ ކުޅުންތެރިންގެ ފަރާތުން ހާސްކަން ފެނުނުއިރު، އާންމުކޮށް ނުފެންނަ ފަދަ ގިނަ ގޯސްތަކެއް އެ ޓީމަށް ހެދުނެވެ. އަނެއްކޮޅުން ކޮންގޯއިން ދިޔައީ ރޭވުންތެރިކަމާއެކު ކުޅެ، ކައުންޓަރ އެޓޭކުތަކުގައި އިންގްލެންޑަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޔޮއާން ވިސާ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހުނުއިރު، ނަތަނިއެލް އެމްބޫކޫވެސް ވަނީ ހިލޭޖެހުންތަކުން ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

މި މެޗުގައި ކޮންގޯގެ ގޯލްކީޕަރު ލިއޮނަލް އެމްޕާސީ ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އިންގްލެންޑުގެ ޖޫޑް ބެލިންހަމް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް އޭނާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ތެރޭގައި ބެލިންހަމް ބޮލުން ފޮނުވާލި ހަމަލާއަކާއި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ހިމެނެއެވެ.

އިންގްލެންޑުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގެ ފަހުކޮޅުގައެވެ. ބުކާޔޯ ސާކާ އާއި އެންތަނީ ގޯޑަން ކުޅެން އެރުމާއެކު އިންގްލެންޑުގެ ކުޅުން އަވަސްވެ، އެޓޭކުތައް ވަރުގަދަވިއެވެ. މެޗުގެ ނަތީޖާ ހަމަހަމަވީ ހެރީ ކޭން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 86 ވަނަ މިނެޓުގައި ކޭން ވަނީ އޭނާގެ ހުނަރުވެރިކަން ދައްކާލައި، ފޮނުވާލި ބާރު ހަމަލާއަކުން މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އިންގްލެންޑަށް މޮޅު ކަށަވަރުކޮށްދީފައެވެ.

ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑް މުބާރާތުގެ ގަދަ 16 ގައި ބައްދަލުކުރާނީ މެކްސިކޯއާއެވެ. މެކްސިކޯއަކީ މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ޤައުމުގެ ތެރެއިން އެއް ޤައުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ