ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 99 ކަނދުފަތި އަޅައިފި

maalhos kandhu

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އެކި ކަނޑުގެ ސަރަހައްދުތަކުގައި ޖުމްލަ 99 ކަނދުފަތި އަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހާމަކޮށްފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއް ސަރުކާރަކުން މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދަކަށް ކަނދުފަތި އެޅި ފުރަތަމަ ފަހަރު ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ކަނދުފައްޗަކީ މަސްވެރިންނަށް މަސް ހޯދުމުގައި ލުއިފަސޭހަކޮށްދީ، މަސް ބާނާ މިންވަރު އިތުރުކުރުމަށް އެހީތެރިވެދޭ އެންމެ މުހިއްމު އެއް ވަސީލަތެވެ. މަސްވެރިންގެ ފަރާތުން އަބަދުވެސް އިތުރު ކަނދުފަތި އެޅުމަށް އެދެމުންދާއިރު، މީގެ ކުރިން އެކަށީގެންވާ އަދަދަކަށް ކަނދުފަތި އެޅުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ސަރުކާރުން ފާހަގަކުރެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މަސްވެރިންގެ ބޭނުންތަކަށް ފުރިހަމައަށް ރިއާޔަތްކޮށް، ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމަށްވެސް ފައިދާވާނެހެން ކަނދުފަތިތައް އިތުރުކުރުމެވެ.

މި ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތުން، މަސްވެރިންނަށް މަސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުވެ، ތެލަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. ކަނދުފަތިތައް އިތުރުވުމާއެކު މަސްވެރިން ކަނޑުމަތީގައި ހޭދަކުރަންޖެހޭ ވަގުތު މަދުވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ވުޒާރާއިން އުންމީދު ކުރެއެވެ.

މިހާތަނަށް އަޅާފައިވާ 99 ކަނދުފަތީގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރެއިން 47 ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަމަށް ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާފައިވާ ކަނދުފަތިތަކެވެ. މިއީ ރާއްޖޭގެ މައިގަނޑު މަސްވެރިކަމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މި ކަނދުފަތިތަކުގެ ސަބަބުން ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ބާކީ ހުރި 52 ކަނދުފައްޗަކީ ވަނދު މަސްވެރިކަމާއި، މިހާރު ރާއްޖޭގައި ފުޅާވަމުން އަންނަ ސްޕޯޓްސް ފިޝިން އަށް ހާއްސަކޮށްގެން އަޅާފައިވާ ކަނދުފަތިތަކެވެ. މި ކަނދުފަތިތަކުގެ ސަބަބުން ރިސޯޓުތަކާއި، ލޯކަލް ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ މަސްވެރިކަން ގުޅުވައިދިނުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ.

މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ކަނދުފަތި އެޅުމުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން، މަސް އުޅަނދުފަހަރުގައި ލޮނުފެން ގަނޑުކޮށްގެން މަސް ރައްކާކުރެވޭނެ (RSW) ނިޒާމުތައް ގާއިމުކުރުމަށް އެހީތެރިވުމަކީ މަސްވެރިން ބާނާ މަހުގެ ފެންވަރު ހިފެހެއްޓުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ. މި ނިޒާމުގެ ސަބަބުން މަސްވެރިން ބާނާ މަސް ގިނަ ވަގުތު ތާޒާކަންމަތީ ބެހެއްޓި، މަހުގެ އަގު ދަށްވިޔަނުދީ ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ފައިސާ ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިހާރު މަސްވެރިންނަށް މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފަށާފައިވާކަންވެސް ސަރުކާރުން ފާހަގަކުރެއެވެ. މިއީ މަސްވެރި އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކަޅުބިލަމަސް ކިލޯއެއް 20 ރުފިޔާގެ މަގުން ގަންނަން ފަށާފައިވުމަކީ މަސްވެރިންގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.

މި ހުރިހާ މަސައްކަތްތަކަކީވެސް ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މަސްވެރިންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ