މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި އެކްސްޕޯއަކީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރާ މުހިންމު ހުރިހާ ފަރާތްތަކެއް އެއްތަނަކުން ބައްދަލުވެ، މަޢުލޫމާތު ބަދަލުކުރުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ.
މިއީ ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތައް މިފަދަ ގޮތަކަށް އެއްތަނަކަށް ޖަމާވެ ހިންގާ ފުރަތަމަ ހަރަކާތެވެ. މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 2 އިން 4 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މިއަހަރުގެ އެކްސްޕޯ ކުރިއަށް ގެންދަނީ "އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިޢާރުގެ ދަށުންނެވެ. މި ހަރަކާތުގައި ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު ބައިވެރިން ކަމުގައިވާ ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، އެހެނިހެން މާލީ ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ޤާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުން ބައިވެރިވެއެވެ.
މި އެކްސްޕޯގެ ޒަރީއާއިން އާންމުންނަށް ރާއްޖޭގެ މާލީ ނިޒާމުގައި ބައިވެރިވާ މުހިންމު މުއައްސަސާތަކާ ސީދާ ގުޅި، އެ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމަށާއި، މާލީ ޚިދުމަތްތައް ހޯދުމުގައި ހުރި ފުރުޞަތުތައް ދެނެގަތުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެކި މުއައްސަސާތަކުން ދައްކާލާފައިވާ ޚިދުމަތްތަކާއި އުފެއްދުންތައް ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނަށް އެކި ސްޓޯލްތަކުން ވަނީ އެ ތަންތަނުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އަރުވާފައެވެ.