މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި ޒަކާތު ހައުސްއިން ޒަކާތާ ގުޅުންހުރި މުހިންމު ހަތަރު ފޮތެއް ނެރެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، މި ފޮތްތައް އެމަނިކުފާނަށް އެރުވީ ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްއެވެ.
ޒަކާތު ހައުސްއިން މިއަދު ނެރުނު ފޮތްތަކުގެ ތެރޭގައި ހިމެނެނީ:
- ޒަކާތާއި އަޤީދާ
- ޒަކާތާއި ޞަދަޤާތްދިނުމާމެދު ބާރުއަޅުއްވާފައިވާ މިންވަރު
- ޒަކާތާއި ޞަދަޤާތްދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީއުޅޭ މީހުންގެ ސިފަތައް
- ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ
މީގެ އިތުރުން، "ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް" މި ފޮތުގެ ދިވެހި އަދި އިނގިރޭސި އެޑިޝަން ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އެ އިދާރާގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.
މީގެ ތެރޭގައި ދީނީ ޢިލްމުވެރިންނާއެކު ކުރިއަށްގެންދާ ޒަކާތާ ގުޅޭ ސުވާލާއި ޖަވާބު ސެޝަންތަކާއި، ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ. އަދި މިހާރު ހުޅުވާލެވިފައިވާ ޒަކާތު ސްކޮލަރޝިޕް ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ދިނުމާއި ފޯމު ދޫކުރުން ވެސް ކުރިއަށްދާނެއެވެ.
އިތުރު ހަރަކާތްތަކުގެ ތެރޭގައި، ސްޓޯލުގައި ކުރިއަށްގެންދާ ޒަކާތު ކުއިޒްގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތާއި، އެކްސްޕޯ ނިމުމުން ނެގޭ ގްރޭންޑް ޕްރައިޒް ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ޒަކާތާ ގުޅޭ ހިލޭ ފޮތްތަކާއި މަޢުލޫމާތު ކަރުދާސްތައް ވެސް ސްޓޯލުން ލިބެން ހުންނާނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.