ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ޗައިނާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ރަސްމީ ދަތުރެއް ފަށައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުގައި ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއާއި، ވިޒިޓް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ގައުމީ އެއާލައިން 'މޯލްޑިވިއަން' ބައިވެރިވެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތް ތަމްސީލުކުރާ މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ވެސް މި ވަފުދުގައި ހިމެނެއެވެ.
މި ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހާރިސް މުހައްމަދު ބައިވެރިވެވަޑައިގަންނަވާއިރު، ވިޒިޓް މޯލްޑިވްސްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީއެވެ. މި ދަތުރުގައި ޗައިނާގެ މުހިއްމު ތިން ސިޓީއެއް ކަމަށްވާ ބެއިޖިން، ޝަންހާއީ އަދި ޗެންގްޑޫއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ. ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ މަސްރަހުގައި ދިމާވާ މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވިޔަނުދީ، މުހިއްމު މާކެޓުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މި ދަތުރުގެ ތެރެއިން ޗައިނާ ސަރުކާރުގެ އިސްވެރިންނާއި، އެ ގައުމުގެ އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް އެޖެންޓުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ހާއްސަ ނެޓްވޯކިން ހަރަކާތްތަކެއް ވެސް އެ ސިޓީތަކުގައި ކުރިއަށްދާނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 168,677 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19.8 އިންސައްތައިގެ ކުރިއެރުމެކެވެ. މިފަދަ ދަތުރުތަކުގެ ސަބަބުން ޗައިނާގެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.