ވޯލްޑް ކަޕާ އެކު 8،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދޭ

b2e6223d-2404-4a97-be45-3f727b97bd6e

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށުނު ފަހުން ރާއްޖޭގެ ސްކޫލްތަކަށް ހާޒިރުނުވާ ދަރިވަރުންގެ އަދަދު އަށް ހާހަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ކީސްޓޭޖް 3 ގެ 2025 ވަނަ އަހަރުގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ދުވަސްވަރަކީ ވޯލްޑް ކަޕްގެ ފޯރި ގަދަ ދުވަސްވަރަކަށް ވީ ނަމަވެސް، އެހާ ގިނަ އަދަދެއްގެ ކުދިން ސްކޫލަށް ނުދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ސްކޫލަށް ހާޒިރުނުވާ ކުދިންގެ ތެރެއިން 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުންނެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މައްސަލައިގައި ބެލެނިވެރިންނާއި މުދައްރިސުން ވެސް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށްޓަކައި ނުވަތަ އެ ނޫން ވެސް ސަބަބުތަކާ ހުރެ ކިޔެވުމަށް ބުރޫއެރުމަކީ ދަރިވަރުންގެ މުސްތަގުބަލަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

"ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑް ކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ތައުލީމީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުންގެ ހާޒިރީ ބެލެހެއްޓުމަށްޓަކައި މިހާރު ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ސްކޫލަށްދާ ކުދިންނާއި ނުދާ ކުދިންގެ އަދަދު ވަކިވަކިން ބެލުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް، މި މަހުން ފެށިގެން އެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ސްކޫލަށް ނުދާ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ދުވަހެއް ކަމަށެވެ.

މި ރިޕޯޓަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުން އުނގެނުމުގައި ހާސިލްކުރާ މިންވަރު ދެނެގަތުމަށް ތައްޔާރުކުރާ މުހިންމު ރިޕޯޓެކެވެ. މިފަދަ ދަނޑިވަޅެއްގައި ހާޒިރީ ދަށްވުމަކީ ތައުލީމީ ދާއިރާގެ އަމާޒުތަކަށް ވާސިލްވުމަށް އޮތް ގޮންޖެހުމެއް ކަމަށް ތައުލީމީ ވުޒާރާއިން ދެކެއެވެ. ވަޒީރު ވަނީ ދަރިވަރުންގެ ކިޔެވުމަށް އިސްކަންދިނުމަށް ހުރިހާ ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ