ފަހަތުން އަރައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ރޮނާލްޑޯއަށް ތާރީޚީ ލަނޑެއް

މެޗުގައި ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ
މެޗުގައި ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 އިން ޕޯޗުގަލް ޖާގަ ހޯދީ، ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކުރުމަށްފަހުއެވެ.

މި މޮޅާއެކު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ހުވަފެންތަކުގައި ވަނީ އާ ދިރުމެއް އައިސްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑެއް ނުޖެހި ނިމުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ވަނީ ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދީފައެވެ. ނަމަވެސް ޕޯޗުގަލްއިން ވަނީ ހިތްވަރު އެލުވާނުލައި ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ އޭނާގެ ދިގު ފުޓްބޯޅަ ކެރިއަރުގައި ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރެއްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ކުޅުމަށް މެޗު ދާން ތައްޔާރުވެފައި ވަނިކޮށް ޕޯޗުގަލް މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގޮންސާލޯ ރާމޮސްއެވެ. މެޗުގެ 94 ވަނަ މިނެޓުގައި ރަފައެލް ލެއާއޯ ނަގައިދިން ހުރަހަކުން ރާމޮސް މި ލަނޑު ކާމިޔާބުކުރީ ކްރޮއޭޝިއާގެ ދެ ޑިފެންޑަރުންގެ ބޯމަތިން އަރައި ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ޕޯޗުގަލް ދެން ބައްދަލުކުރަން ޖެހޭނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާއެވެ. އެމެރިކާގެ ޓެކްސަސްގައި ހުންނަ ޑާލަސް ސްޓޭޑިއަމްގައި ކުޅޭ މި މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ރާއްޖެގަޑިން ދަންވަރު 00:00 ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ