މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން" މި މައުޟޫޢަށެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮރަޕްޝަނަކީ އިންސާނާގެ ފިޠުރަތު ނުރުހޭ، މުޖުތަމަޢުގެ ބަދަހިކަން ގެއްލުވައިލާ ބަލިމަޑުކަމެކެވެ. މިއީ ބިންމަތީގައި ފަސާދަ އުފައްދާ، އިންސާނާގެ ނަފުސުގެ ޢިއްޒަތް ނަގައިލާ ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައި ޚުޠުބާގައި ސިފަކޮށްފައިވެއެވެ.
ކޮރަޕްޝަންގެ މާނައަށް އަލިއަޅުވައިލަމުން ޚުޠުބާގައި ބުނީ، އެއީ ތިމާއަށް ލިބިފައިވާ މަޤާމުގެ ނުފޫޒު ނުވަތަ އިޚުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލަ ފައިދާއެއް ހޯދުން ނުވަތަ ބަޔަކަށް ހޯދައިދިނުމެވެ. ކޮންމެ މީހަކާވެސް ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި، އެ އަމާނާތަށް ޚިޔާނާތްތެރިވުމަކީ އާޚިރަތް ދުވަހުން ސުވާލުވެވޭނެ ކަމެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. ތިމާގެ ނުފޫޒު އަމިއްލަ އެދުމަކަށްޓަކައި ބޭނުންކުރުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެއްކަންވެސް ފާހަގަކުރިއެވެ.
ރިޝްވަތާ ބެހޭގޮތުން ވާހަކަދައްކަމުން ޚުޠުބާގައި ބުނީ، ޙައްޤު ނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލު ކަމެއް ޙައްޤު ކަމަކަށް ހެދުމަށް ދެވޭ ކޮންމެ އެއްޗަކީ ރިޝްވަތު ކަމަށެވެ. ރިޝްވަތު ދިނުމާއި އޭގައި ހިފުމަކީ މާތް ﷲގެ ލަޢުނަތް ހުށަހެޅޭ ބޮޑު ފާފައެއް ކަމަށާއި، އެފަދަ ޢަމަލުތަކުގެ ސަބަބުން އީމާންކަމުގެ ނޫރު ކަނިވެ، ދިރިއުޅުން އަބާއްޖަވެރިވާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަކީ ނަރަކައިގެ އަލިފާނަށް ހުށަހެޅޭނެ މީހެއްކަމުގެ އިންޒާރު ޚުޠުބާގައި ދިނެވެ.
ކޮރަޕްޝަނުގެ ސަބަބުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތަކަށްވެސް ޚުޠުބާގައި ބަލައިލާފައިވެއެވެ. އެގޮތުން، ކޮރަޕްޝަންގެ ސަބަބުން މުޖުތަމަޢުގައި އޮންނަންޖެހޭ ޢަދުލުވެރިކަން ގެއްލި، ފަޤީރުކަން އިތުރުވެ، ޤައުމުގެ އިޤުތިޞާދީ ތަނބުތައް ބަލިކަށިވާކަން ފާހަގަކުރިއެވެ. މީގެ އިތުރުން، މިއީ ތަރައްޤީގެ މަގަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމުގައިވެސް ބުނެފައިވެއެވެ. ނާއިންސާފާއި ބިރުވެރިކަން މުޖުތަމަޢުގައި ޢާންމުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ކޮރަޕްޝަނާއި ރިޝްވަތު ކަމަށް ޚުޠުބާގައި ބުންޏެވެ.
ކޮރަޕްޝަނަށް މަގުފަހިވާ އެންމެ ބޮޑު ސަބަބަކީ ނަފުސުގެ ދަހިވެތިކަން ކަމަށް ޚުޠުބާގައި ބުންޏެވެ. ނަމަވެސް، އަމާނާތްތެރިކަމަކީ މުއުމިނުންގެ ސިފައެއް ކަމަށާއި، ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ޢަލާމާތެއްކަން ހަނދާންކޮށްދީ، ދުނިޔެވީ ވަގުތީ މަންފާއަށްޓަކައި އަމިއްލަ ދީނާއި ކަރާމާތް ވިއްކާނުލުމަށް ގޮވައިލިއެވެ. ކޮރަޕްޝަން މުޖުތަމަޢުގައި ޢާންމުވެފައި އޮތް ނަމަވެސް، އެއީ އާދައިގެ ކަމެއް ކަމުގައި ނުދެކުމަށާއި، ޤިޔާމަތް ދުވަހުން ފަޟީޙަތްވާނެ ދުވަހަށް ބިރުވެތިވުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ.
ޚުޠުބާ ނިންމައިލަމުން ވަނީ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދޭ ނަމަ، ޙަރާމް ކުރައްވާފައިވާ އެންމެހައި ކަންކަމުން ދުރުހެލިވެ، ތަޤުވާވެރިކަމާއި ނަފުސުގެ ފުދުންތެރިކަމުގެ މައްޗަށް ދިރިއުޅުން ބިނާކުރުމަށް ގޮވައިލައިފައެވެ. އަދި ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަކީ ޙަޔާތަށް އުފާވެރިކަން ގެނުވާނެ ކަމެއްކަންވެސް ޚުޠުބާގައި ފާހަގަކުރިއެވެ.