މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ ގައުމީ މިޝަން ކާމިޔާބުކުރުމަށް ވަޒީރު އިހުސާން ގޮވާލައްވައިފި

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާން ފުލުހުންގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން ފުލުހުންގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މިނިސްޓްރީ

ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާކަން ފާހަގަކުރައްވައި، އެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ގައުމީ މިޝަން ކާމިޔާބުކުރުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން ގޮވާލައްވައިފިއެވެ.

ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު އޮފިސަރުންނާ މުހާތަބުކުރައްވައި، ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ދެކޮޅަށް ސާބިތުކަމާއެކު މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފައެވެ.

މަސްތުވާތަކެތީގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މީގެ ސަބަބުން ވަކިވަކި ފަރުދުންގެ މުޅި ހަޔާތް ބަރުބާދުވެ، އާއިލާތަކުގެ ތެރޭގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މުޅި މުޖުތަމައުގައި ހިންގާ ރާވައިގެން ހިންގާ ބޮޑެތި ކުށްތަކަށް ނުވަތަ އޮގަނައިޒްޑް ކްރައިމްތަކަށް ބޭނުންވާ ފަންޑު ހޯދަނީވެސް މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިވެހި ފުލުހުންނާ އަޅުގަނޑުމެން ހަވާލުކޮށްފައިވާނެ އެންމެ ވަރުގަދަ، އެންމެ އަޒުމް ވަރުގަދަކޮށް ހިފަހައްޓަންޖެހޭ، އަދި އެންމެ ކާމިޔާބުކަމާއެކު ނިންމަންޖެހޭ މިޝަނަކީ މި ޑްރަގުގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުން،" ވަޒީރު ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ މިއީ އުނދަގޫ މަސައްކަތެއް ނަމަވެސް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުން ވަނީ މި ދާއިރާއިން ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

ކުށްކުރާ މީހުން މިހާރު ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވައި، ސައިބާ ކްރައިމް އަދި މަނީ ލޯންޑްރިން ފަދަ ކުށްތަކަށް ފުލުހުން ހޭލުންތެރިވެ ތައްޔާރުވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހާއްސަކޮށް ޑްރަގް ޓްރެފިކް ކުރާ މީހުން ފައިސާގެ މުއާމަލާތް ކުރުމުގައި ޑިޖިޓަލް ކަރަންސީ ބޭނުންކުރާ މައްސަލައަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފަދަ ޒަމާނީ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންނަށް ޒަމާނީ ތައުލީމާއި ހާއްސަ ތަމްރީނުތައް ބޭނުންވާ ކަމަށެވެ. އަދި މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް ދެ އަހަރާއި ބައިގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލައަށް ދިވެހި ރައްޔިތުން އެދޭފަދަ ދާއިމީ ހައްލެއް ހޯދައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ފުލުހުންގެ އެންމެ ބޮޑު ހަތިޔާރަކީ ބެޓަނާއި ޕެޕާ ސްޕްރޭ ނޫންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތް ކުރަންޖެހޭނެ ކަމަށެވެ. އޮފިސަރުންގެ ނަޒާހަތްތެރިކަން ގެއްލުވާލާ ދުވަހަކީ ފުލުހުންގެ ޔުނިފޯމް އެޅުމުގެ ހައްގު ގެއްލޭނެ ދުވަސް ކަމަށްވެސް ވަޒީރު ހަނދާންކޮށްދެއްވިއެވެ.

ސަރުކާރުގެ ކޮމިޓްމަންޓަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި، ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ފުލުހުން ގާއިމުވެ ތިބޭ ކޮންމެ ރަށެއްގައި ފުރިހަމަ އުމްރާނީ ވަސީލަތްތަކާއެކު ޒަމާނީ މަރުކަޒުތައް ބިނާކޮށްދިނުން ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ