ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ މުއައްސަސާގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި ނޭދެވޭ ނުފޫޒުތަކެއް ހުރި ނަމަވެސް، އެ ނުފޫޒުތައް މިހާރު އެއްކޮށް ނައްތާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ފައްޓަވާފައިވާ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެޕިސޯޑު ހާއްސަކޮށްފައިވަނީ މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މީގެ ކުރިން ފުލުހުން ރޭޑުކޮށްގެން އަތުލައިގަންނަ މަސްތުވާތަކެތި އަނބުރާ މުޖުތަމައުގެ ތެރެއަށް ދިއުން ފަދަ ނުރަނގަޅު އަމަލުތައް ހިނގަމުންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް، މިހާރު އެފަދަ ކަންކަމަށް އޮތް ފުރުސަތުތައް ބަންދުކޮށް، ފުލުހުންގެ ތެރޭގައި ހުރި ނުބައި ނުފޫޒުތަކުގެ ވަކިތައް ނައްތާލެވިފައިވާ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވެސް މިހާރު ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ މުޖުތަމައުގެ އަމާންކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގެންގުޅެނީ ވަށާޖެހޭ ސިޔާސަތެއްކަން ފާހަގަކުރެއްވަމުން ރައީސް ވިދާޅުވީ، މި މައްސަލައިގެ އަސްލު ސަބަބުތަކަށް ހައްލު ހޯދަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމާއި، ޒުވާނުންނަށް އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، އާމްދަނީ ހޯދޭނެ ތަފާތު މަގުތައް ފަހިކޮށްދިނުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. މި ކަންކަމަކީ މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހުމަށް މެދުވެރިވާ އިޖުތިމާއީ ސަބަބުތައް ކަމަށް ރައީސް ގަބޫލުފުޅު ކުރައްވައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ މަސްތުވާތަކެތީގެ ތެރެއަށް ވަދެފައިވާ ޒުވާނުން އެކަމުން ސަލާމަތްކޮށް، މުޖުތަމައަށް ބޭނުންތެރި، އަބުރުވެރި އަދި ބިނާކުރަނިވި ދިރިއުޅުމެއް އުޅެވޭނެ ބަޔަކަށް އެކުދިން ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަކީ ހަމައެކަނި ފުލުހުންގެ މަސައްކަތެއް ނޫން ކަމަށާއި، ތައުލީމީ ނިޒާމާއި ސިއްހީ ނިޒާމާ ވެސް ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން، ވަކި ބާވަތްތަކެއްގެ މަސްތުވާތަކެތި ވަކި މިންވަރަކަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ވާހަކަ ވެސް ރައީސް ވަނީ ފާހަގަކުރެއްވާފައެވެ.
އެމަނިކުފާނު އުންމީދު ކުރައްވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން މި ނުރައްކާތެރި ވަބާއިން ގައުމު ސަލާމަތް ކުރެވޭނެ ކަމަށެވެ.