މަސްވެރިކަމާއި ގުޅޭ

އިހަވަންދޫ

ކޮވިޑް ރިކަވަރީ ލޯނު ސްކީމް: މަސްވެރިކަމުގެ ސިނާއަތުގެ 21 ފަރާތަކަށް 4.1 މިލިއަން ރުފިޔާ ދޫކޮށްފި

ކޯވިޑް-19އާ ގުޅިގެން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް މަސްވެރިކަމުގެ ސިނާއަތުގެ 21 ފަރާތަކަށް 4.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިކަމުގެ ދާއިރާއިން މިލޯނަށް 37 ފަރާތަކުން 10.1 މިލިއަން ރުފިޔާ ހޯދުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް މީގެތެރެެއިން ލޯނު ދޫކުރުމަށް ހުއްދަދީފައިވަނީ، 21 ފަރާތަކަށް 4.1 މިލިއަން ރުފިޔާ ކަަމަށެވެ.

އަދި މިސްކީމްގެ ދަށުން މިހާތަނަށް ހުރިހާ ދާއިރާއަކުން 1،807 ފަރާތަކަށް 298.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1250 ވިޔަފާރިއަކަށް ދޫކޮށްފައިވާ 282.2 މިލިއަން ރުފިޔާއާއި، އަމިއްލަ މަސައްކަތްކުރާ 557 ފަރާތްތަކަށް ދޫކުރި 16.7 މިލިއަން ރުފިޔާ ހިމެނެއެވެ.

ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމަކީ، ކޮވިޑާއި ގުޅިގެން އެކުލަވާލާފައިވާ އިޤްތިސާދީ ރިލީފް ޕެކޭޖްގެ ދަށުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ ސްކީމެކެވެ.

މިސްކީމުގެ ދަށުން ލޯނު ދޫކުރަނީ، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންޝަލް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.

މަސްދޯންޏެއް ތެޔޮ އަޅަން ގާތްކުރަނީ / ފޮޓޯ: މަސްވެރި އިހަވަންދޫ

ކޮވިޑް ރިކަވަރީ ލޯނު ޚާއްސަކޮށްފައިވަނީ، 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ކުދި ވިޔަފާރިއާއި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ވިޔަފާރި ހިންގުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ވިޔަފާރިތަކަށެވެ.

މި ލޯނަށް ޝަރުތު ހަމަވާ ވިޔަފާރިތަކުން، އެ ވިޔަފާރިއަކަށް ފާއިތުވި އަހަރު ލިބިފައިވާ އާމްދަނީގެ %10 އާ ހަމައަށް (ޖުމްލަ ލޯނުގެ އަދަދު 500,000 ރުފިޔާއާ ހަމައަށް ކެޕްކުރެވިފައި) ލޯނަށް އެދި ހުށަހެޅިދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި ސްކީމްގެ ދަށުން ލޯނު ދޫކުރަނީ، %6 އިންޓަރެސްޓްގައި، 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކުގައެވެ. ގްރޭސް ޕީރިއަޑް މުއްދަތުގެ ތެރޭގައި އިންޓަރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހެއެވެ. އަދި ލޯނު އަނބުރާ ދައްކަން ޖެހޭނީ، 3 އަހަރުގެ މުއްދަތުގެ ތެރޭގައެވެ. ކޮވިޑް-19 އާ ގުޅިގެންނާއި ލޯނު ނިސްބަތްވާ މުއްދަތުގައި ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރާނަމަ، މި ލޯނު ލިބުމަށް ޝަރުތު ފުރިހަމަ ނުވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!