އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް

ދަ ޕަލްސް ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ދަ ޕަލްސް ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅު ދައްކަވަނީ

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ހިންގުން ހަރުދަނާކޮށް، އެ މުއައްސަސާގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް ހާއްސަކުރި މި އެޕިސޯޑުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، އެންޑީއޭގެ ތެރޭގައި ހުރި އިދާރީ އަދި ފަންނީ މައްސަލަތަކުގެ ސަބަބުން މިހާތަނަށް އެދެވޭ ނަތީޖާއެއް ހާސިލުކުރެވިފައެއް ނުވެއެވެ. އެހެންކަމުން، މިހާރުގެ އަމާޒަކީ އެ މުއައްސަސާގެ ހިންގުން އައު ހަރުފަތަކަށް ގެންދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންޑީއޭއިން ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމާއި، އެތަނަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމުގެ އިތުރުން، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މީގެ އިތުރުން، ފަރުވާގެ ނިޒާމުގައި ހުރި ގާނޫނީ އަދި ގަވާއިދުގެ ހުރަސްތައް ނައްތާލައި، މުޅި ނިޒާމު އެކަކު އަނެކަކާ ގުޅިލާމެހިފައިވާ ގޮތަކަށް ބަދަލުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންޑީއޭ ރަނގަޅުކުރުމަށް އެބަ ގެންގުޅެން ސިޔާސަތުތަކެއް، އިރާދަކުރެއްވިއްޔާ އެތަނުގެ ތެރެއިން ދެވޭ ފަރުވާތަކާއި، ފަރުވާ ދެވޭ ގޮތާއި، ފަރުވާ ދޭ މުވައްޒަފުން އިތުރުކުރުމާއި، އެބޭފުޅުންގެ ފެންވަރު ރަނގަޅުކުރުމާއި، ހުރިހާ ގޮތަކުން އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް،" ރައީސް ވިދާޅުވިއެވެ.

ފަރުވާ ހޯދުމަށް އެދިފައިވާ މީހުންގެ ލިސްޓުގައި ތިބި ފަރާތްތަކަށް އަވަހަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ވަނީ އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފުރިހަމަކޮށްފައެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކަނިވެސް 1،091 މީހަކަށް ފަރުވާ ދީފައިވާއިރު، 233 މީހަކު ވަނީ ފަރުވާ ނިންމުމަށްފަހު އަނބުރާ މުޖުތަމައަށް ނިކުމެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ފަރުވާ ދެވުނު މީހުންގެ އަދަދުތައް:

  • 2023 ވަނަ އަހަރު: 1,306 މީހުން
  • 2024 ވަނަ އަހަރު: 1,435 މީހުން
  • 2025 ވަނަ އަހަރު: 1,309 މީހުން

މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 12 ރިހެބިލިޓޭޝަން ސެންޓަރެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި މާލެ، ހުޅުމާލެ، ހިންމަފުށި، ތިނަދޫ، ހަނިމާދޫ، ފުވައްމުލައް، އައްޑޫ ސިޓީ އަދި ވިލިނގިލީގައި ހުންނަ މަރުކަޒުތައް ހިމެނެއެވެ. މީގެ އިތުރުން، މިއަހަރުގެ ފަހުކޮޅު ވެލިދޫގައި ގާއިމުކުރާ ޑްރަގް ރިހެބް ސެންޓަރުން ހިދުމަތް ދޭން ފަށާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ