ހޯޕް އައިލެންޑްގެ މަސައްކަތް މި ދައުރުގައި ނިންމައި ބޭނުންކުރަން ފެށުމަކީ އަމާޒެއް: ރައީސް

ރައީސް މުއިއްޒު 'ދަ ޕަލްސް' ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް މުއިއްޒު 'ދަ ޕަލްސް' ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަނީ

ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "ހޯޕް އައިލެންޑް" ނުވަތަ އުއްމީދުގެ ރަށުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމައި، އެތަނުގެ ހިދުމަތް ދޭން ފެށުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުށްކުރާ ކުދިން އިސްލާހުކޮށް، އެކުދިންނަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގެ ހައްލެއް ހޯދުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މިއީ ހަރަދު ބޮޑު މަޝްރޫއެއް ނަމަވެސް، މާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ އެކު އުތުރުތިލަފަޅުން ވަކި ސަރަހައްދެއް ކަނޑައަޅައި، އެތަނުގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ޒުވާން ޖީލުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

މި މަޝްރޫއުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވި ނަމަވެސް، މިހާރު ކުރިއަށްދަނީ ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ދިރާސާކޮށް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކަމަށެވެ. އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން އަމަލީ ގޮތުން އެތަން ނިންމައި ބޭނުންކުރަން ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ހަމައެކަނި އިމާރާތްތަކެއް އެޅުމެއް ނޫން ކަމަށާއި، މިއީ މުޅި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ.

އުތުރުތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ މި ރަށަކީ 700 މީހުންގެ ޖާގައަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ތަނެކެވެ. އެތަނުގައި ކުދިންނާއި މުވައްޒަފުން ތިބުމަށް ހާއްސަ ޔުނިޓްތަކުގެ އިތުރުން، ތައުލީމާއި ތަމްރީނު ދޭނެ ސަރަހައްދުތަކާއި، ސިއްހީ ހިދުމަތް ދޭނެ މަރުކަޒެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، 700 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ މިސްކިތަކާއި، ކުޅިވަރު ކުޅޭނެ ދަނޑުތަކާއި، ބެލެނިވެރިންނާ ބައްދަލުކުރާނެ ހާއްސަ ތަންތަން ވެސް އެތަނުގައި ހުންނާނެއެވެ.

ހޯޕް އައިލެންޑަށް ގެންދާ ކުދިންނަށް އަސާސީ ތައުލީމާއި ދީނީ ތަރުބިއްޔަތުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ތެރަޕީތަކާއި އެކި ކަހަލަ ކުޅިވަރު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ. އެ ކުދިން އުމުރުން 18 އަހަރު ވަންދެން އެތަނުގައި ބައިތިއްބައިގެން އިސްލާހީ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އުމުރުން 18 އަހަރު ފުރުމުން، އެ ކުދިން ވަކި މުއްދަތެއް ވަންދެން ދިވެހި ފުލުހުންގެ ހިދުމަތުގައި ނުވަތަ ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރަންޖެހޭނެއެވެ. މިއީ އެ ކުދިންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތެކެވެ. އެއަށްފަހު، އެ ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މުޖުތަމައަށް ބޭނުންތެރި ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ވަތަނީ ހިދުމަތުގެ ޕްރޮގްރާމް" އަކީ ވެސް މި އަމާޒަށް ވާސިލުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ހުރިހާ މަސައްކަތެއްގެ ބޭނުމަކީ ކުށުގެ މާހައުލުން ކުދިން ދުރުކޮށް، ގައުމަށް ފައިދާހުރި ބަޔަކަށް އެކުދިން ހެދުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ