އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގެ ނޮކްއައުޓް ބުރުގައި މިއަދު ހެނދުނު ކުޅުނު މެޗުން ގާނާ ބަލިކޮށް، ކޮލަމްބިއާ އިން މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފިއެވެ. މި މެޗުން ކޮލަމްބިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯން އަރިއާސްއެވެ. މިއީ މެޗުގެ ކުރީކޮޅު އަނިޔާވެގެން ބަދަލުކުރި ޖޯން ކޯޑޮބާގެ ބަދަލުގައި ކުޅެން ނިކުތް ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މެޗު ފެށިގެން ކޮލަމްބިއާ އިން ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކިއިރު، ގާނާ އަށް މުޅި މެޗުގައިވެސް ކޮލަމްބިއާގެ ގޯލަށް ނުރައްކާ ކުރެވޭގޮތެއް ނުވިއެވެ. ގާނާގެ ތޯމަސް ޕާޓޭ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ފިޔަވައި، އެ ޓީމަށް ކޮލަމްބިއާގެ ޑިފެންސް ފޫއަޅުވާލެވޭނެ ފަދަ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ގާނާ އިން މުޅި މެޗުގައި އަށް ހަމަލާ އުފެއްދި ނަމަވެސް، އޭގެ ތެރެއިން އެއްވެސް ހަމަލާއެއް ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ކޮލަމްބިއާގެ ލުއިސް ޑިއާޒް ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މީގެ އިތުރުންވެސް ލީޑު ފުޅާކުރުމަށް ކޮލަމްބިއާގެ ޑިއާޒް އާއި ޔޯހާން މޮހިކާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ގާނާގެ ކީޕަރު ލޯރެންސް އަތީ ޒިގީ ވަނީ ކޮލަމްބިއާގެ ބައެއް ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި މޮޅާއެކު ކޮލަމްބިއާ އިން ވަނީ ބަލިނުވެ ދަމަހައްޓަމުން އަންނަ ރިކޯޑު އިތުރަށް ފުޅާކޮށްފައެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް ވަރުގަދަ ކުޅުމެއް ދެއްކި ކޮލަމްބިއާގެ ކޮޅަށް މިހާތަނަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.
މުބާރާތުގެ ގަދަ 16 ގެ ބުރުގައި ކޮލަމްބިއާ ދެން ބައްދަލުކުރާނީ ސްވިޒަލެންޑާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވާ ބުދަ ދުވަހުގެ ރޭ ރާއްޖެގަޑިން މެންދަމު 1:00 ގައެވެ.