ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ބުރުގައި ޕެރެގުއޭގެ މައްޗަށް 1-0 އިން ކުރިހޯދައި، ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ލިންކަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފްރާންސުން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް، ޕެރެގުއޭގެ ވަރުގަދަ ދިފާއީ ފާރު ފޫއަޅުވާލާފައެވެ.
މި މެޗަށް ނުކުތްއިރު ފްރާންސް އޮތީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ، ގަދަ 32 ގެ ބުރުގައި ސްވީޑަން ބަލިކޮށް ވަރަށް ވަރުގަދަ ފޯމެއްގައެވެ. އަނެއްކޮޅުން ޕެރެގުއޭ މި ބުރަށް އައީ ގަދަ 32 ގައި ޖަރުމަނު ބަލިކޮށް، މުޅި ދުނިޔެ ހައިރާންކޮށްލުމަށްފަހުއެވެ. އެހެންކަމުން މި މެޗަކީ ފްރާންސަށް ކުރިމަތިވި އުނދަގޫ އިމްތިހާނަކަށް ވެގެންދިޔައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފްރާންސުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ޕެރެގުއޭގެ ފަސް ޑިފެންޑަރުން ހިމެނޭ ބެކްލައިން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނަމަވެސް ދެވަނަ ހާފުގައި ބެންޗުން ކުޅެން އެރުވި ޑެސިރޭ ޑޫއޭއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ފްރާންސަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ކީލިއަން އެމްބާޕޭ ވަނީ ފްރާންސަށް ކުރިހޯދައިދީފައެވެ.
މި ލަނޑާއެކު އެމްބާޕޭ ވަނީ މި މުބާރާތުގައި ޖުމްލަ 6 ލަނޑު ހަމަކޮށް، ރަންބޫޓުގެ ރޭހުގެ ދެވަނައަށް ޖެހިލާފައެވެ. މި ލިސްޓުގެ އެއްވަނައިގައި 7 ލަނޑާއެކު އޮތީ އާޖެންޓީނާގެ ލިއޮނަލް މެސީއެވެ.
ލަނޑަށްފަހު ޕެރެގުއޭއިން ނަތީޖާ ހަމަހަމަކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރިއެވެ. ހޫލިއޯ އެންސީސޯ އާއި މިގޭލް އަލްމިރޯން މެދުވެރިކޮށް އުފެއްދި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ފްރާންސްގެ ކީޕަރު މައިކް މައިނާން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މެޗުގެ ފަހު މިނެޓުތަކުގައި އެމްބާޕޭއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ޕެރެގުއޭގެ ކީޕަރު ވަނީ އެ ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ފްރާންސުން މެޗުގައި 15 ޝޮޓު ފޮނުވާލިއިރު، އޭގެ ތެރެއިން 5 ޝޮޓު ވަނީ ސީދާ ގޯލަށް އަމާޒުވެފައެވެ. ފްރާންސުން 568 ޕާސް ފުރިހަމަކުރިއިރު، ޕެރެގުއޭއަށް ފުރިހަމަކުރެވުނީ އެންމެ 183 ޕާހެވެ. މި މެޗުގައި ޕެރެގުއޭގެ ޑިފެންސް ލައިނަށް ބޮޑެތި ބާރުތަކެއް އެރިއިރު، އެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި ބައެއް ހަމަނުޖެހުންތައް ވެސް ހިނގާފައިވެއެވެ.
ކުއާޓާ ފައިނަލުގައި ފްރާންސް ބައްދަލުކުރާނީ މޮރޮކޯއާއެވެ. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު، މާދަން ދަންވަރު ނޯވޭ އާއި ބްރެޒިލް ބައްދަލުކުރާއިރު، ފަތިހު މެކްސިކޯ އާއި އިންގްލޭންޑް ބައްދަލުކުރާނެއެވެ.