ރާއްޖޭގެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް ދައުލަތަށް ނަގައި، 6 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް މަސް ބޯޓެއް: އެއް ދުވަސްތެރޭ ހަ ލައްކަ ރުފިޔާ ދައްކަން، ލަންކާ މަސްބޯޓެއްގެ ވެރިފަރާތަށް ވަނީ އަންގައިފައި -- ފައިލް ފޮޓޯ
ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް މަސް ބޯޓެއް. ފޮޓޯ؛ އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަތް ސްރީލަންކާގެ މަސްބޯޓެއް ދައުލަތަށް ނެގުމަށާއި، އެ ބޯޓުގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކޯޓުން ވަނީ ޖޫރިމަނާގެ ފައިސާ އެއް ދުވަހުގެ ތެރޭގައި ދައްކައި ނިންމުމަށް އަމުރުކޮށްފައެވެ.

މިއީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅެނިކޮށް އަތުލައިގަތް ބޯޓެއްގެ މައްސަލައެވެ. މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ އިސްގާޒީ މަރްޔަމް ވަހީދު މިދިޔަ ހަފުތާގައި ކުރެއްވި ހުކުމުގައި ވަނީ، ބޯޓުގެ ވެރިފަރާތުން 600,000 ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. މި ފައިސާ ދެއްކުމަށް ކޯޓުން ދީފައިވަނީ އެންމެ 24 ގަޑިއިރުގެ މުއްދަތެކެވެ.

މި މައްސަލައިގެ ޝަރީއަތުގައި ބޯޓުގެ ވެރިފަރާތުން ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދަށް ވަދެވުނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުން މަސްވެރިކަން ކޮށްފައި ނުވާނެ ކަމަށްވެސް އެ ފަރާތުން ދިފާއުގައި ބުންޏެވެ. ނަމަވެސް، ބޯޓު ހިފެހެއްޓި އިރު އޭގެއިން ގިނަ އަދަދެއްގެ މަސް ފެނިފައިވާކަން ކޯޓުގެ ރިޕޯޓުތަކުން ހާމަވެއެވެ. މީގެ އިތުރުން، އެ ބޯޓުން ރާއްޖޭގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރި ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ކުރެވިފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަ ބޭރުގެ މަސްބޯޓުތަކުގެ މައްސަލަ އަކީ އާންމުކޮށް ހިނގާ ކަމެކެވެ. މީގެ ކުރިން ވެސް މިފަދަ އެކި މައްސަލަތަކުގައި ބޭރުގެ އުޅަނދުތައް ހިފަހައްޓައި، ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެއެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު ވެސް ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް ލަންކާގެ ބޯޓެއް 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ