ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރޭ މިންވަރު އިތުރުވެ، މި ސަރަހައްދުގައި އެ ބަލި އެންމެ ހަލުވިކަމާއެކު ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަމަށް ސިއްހީ މާހިރުން ވިދާޅުވެއްޖެއެވެ. މިދިޔަ މެއި މަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި އަލުން ފެންނަން ފެށި މި ބައްޔަށް މިހާތަނަށް 72 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ކުޑަކުދިންނާއި 15 އަހަރާއި 35 އަހަރާ ދެމެދުގެ 68 މީހުންނެވެ. ޑރ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި މި ބަލި އެންމެ ގިނައިން ޖެހިފައިވަނީ ހިމަބިހިން ރައްކާތެރިވުމަށް ދޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށެވެ. އެހެންކަމުން، ބަލިން ރައްކާތެރިވުމަށްޓަކައި ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމަށް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި ހިމަބިހި އެންމެ ގަދަޔަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، މިޔަންމާ އަދި ނޭޕާލް ހިމެނެއެވެ. ރާއްޖެ މިހާރު އޮތީ މި ލިސްޓުގެ ތެރޭގައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ބޭރު ގައުމުތަކުން ރާއްޖެއަށް މަސައްކަތް ކުރަން އަންނަ މީހުންނަށް ވިސާ ދޫކުރުމުގެ ކުރިން، އެމީހުން ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައިވޭތޯ ބެލުން މުހިންމުކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ކިބައިން ބަލީގެ އަލާމާތެއް ފެނޭތޯ ސަމާލުވުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިހާތަނަށް 569 މީހަކު ވަނީ ހިމަބިއްސަށް ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން 66 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ޖޫން މަހުގެ ނިޔަލަށް ދެއްކިއިރު، އޭރު 13 މީހަކަށް ދިޔައީ ފަރުވާ ދެމުންނެވެ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ކެމްޕެއިންގެ ދަށުން، ބަލި ޖެހުނު މީހުންނާ ދިމާވި (ކޮންޓެކްޓްވި) 2,048 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މީގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ސިއްހީ ޚިދުމަތްތެރިއަކަށްވެސް ވަނީ ވެކްސިން ޖަހާފައެވެ.
ރާއްޖޭގެ ހިމަބިހި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފައެވެ. މި ތަކެތި ރާއްޖެއާ ހަވާލުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅި ގައުމެކެވެ. ނަމަވެސް، އޭގެ ފަހުން އެކި ދުވަސްވަރު ބަލީގެ ކޭސްތައް ފެންނަމުންދާތީ، ސިއްހީ މާހިރުން ދަނީ ވެކްސިން ފުރިހަމަކުރުމުގެ މުހިންމުކަން ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ. ހިމަބިއްސަށް ދޭ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކޮށްފައިވަނީ 1983 ވަނަ އަހަރުގައެވެ.