ހިޔާގެ 16 ޓަވަރުގައި އަލަށް ހަރުކުރި ލިފްޓްތައް އާންމުންނަށް ހުޅުވާލުމުގެ ރަސްމިއްޔާތު މިރޭ

ހިޔާ ފްލެޓްތަކުގައި އަލަށް ހަރުކުރި ލިފްޓްތައް. ފޮޓޯ: ވަގުތު
ހިޔާ ފްލެޓްތަކުގައި އަލަށް ހަރުކުރި ލިފްޓްތައް. ފޮޓޯ: ވަގުތު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓްގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ފެށި މުހިންމު މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކުރި ގޮތުގައި، ހިޔާގެ 16 ޓަވަރުގައި އަލަށް ހަރުކުރި ލިފްޓްތައް މިރޭ އާންމުންނަށް ހުޅުވާލާނެއެވެ. މި މަސައްކަތް ނިމުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ބައިލައްކައަށްވުރެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެކެވެ.

ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މި މަޝްރޫއުގެ ދަށުން ހަރުކުރި ލިފްޓްތަކުގެ ތެރޭގައި ހިމެނެނީ ބަލިމީހުން އުފުލުމަށް ބޭނުންކުރާ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓުތަކެކެވެެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި ލިފްޓްތަކަކީ އެއްފަހަރާ 21 މީހުންނަށް ދަތުރުކުރެވޭނެ ޖާގަ އޮތް، ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ ލިފްޓްތަކެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި 25 ބުރީގެ މި ޓަވަރުތަކުގައި މީގެ ކުރިން ހުންނަނީ މަދު ލިފްޓްތަކެކެވެ. ބައެއް ޓަވަރުތަކުގައި ތިން ލިފްޓް ހުންނައިރު، އަނެއްބައި ޓަވަރުތަކުގައި ހުންނަނީ ހަތަރު ލިފްޓެވެ. ނަމަވެސް، ހިޔާ ސަރަހައްދުގެ އާބާދީ ބޮޑުވުމުގެ ސަބަބުން ލިފްޓްތަކަށް އޮންނަ ބާރު ބޮޑުވެ، ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ވަރަށް ބޮޑެވެ. ހާއްސަކޮށް ހެނދުނު ސްކޫލަށްދާ ވަގުތާއި އޮފީސް ވަގުތުތަކުގައި ލިފްޓަށް އެރުމަށް ގިނަ ވަގުތު ކިއޫގައި މަޑުކުރަންޖެހުމަކީ އާންމު ޝަކުވާއެކެވެ. މި އާ ލިފްޓްތަކާއެކު އެ ވަގުތުތަކުގައި އޮންނަ ބާރު ކުޑަވެގެންދާނެއެވެ.

އަލަށް ގާއިމުކުރި ލިފްޓްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ވެސް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް ސްޓްރެޗާ އެރުވޭނެ ލިފްޓެއް ކޮންމެ ޓަވަރެއްގައި ހުރުމަކީ، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މީގެ ކުރިން ސްޓްރެޗާ އެރުވޭނެ ލިފްޓެއް ނެތުމުގެ ސަބަބުން ބަލިމީހުން އުފުލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިޔައެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއު ނިންމާލައި، މިރޭ ލިފްޓްތައް އާންމުންނަށް ހުޅުވާލުމަށް ބާއްވާ ރަސްމިއްޔާތަކީ ހިޔާގެ ރައްޔިތުންނަށް ލިބޭ އުފާވެރި ހަބަރެއް ކަމަށެވެ. މި މަސައްކަތަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ. މިރޭގެ ރަސްމިއްޔާތަށްފަހު ހުރިހާ ޓަވަރެއްގެ އާ ލިފްޓްތައް ރަސްމީކޮށް ބޭނުންކުރަން ފެށޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ