އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް 10 އަހަރު: ހިދުމަތްތަކަށް އިންގިލާބީ ބަދަލެއް

އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުން
އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުން. ފޮޓޯ: ރައީސް އޮފީސް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ސީނިއަރ ކޮންސަލްޓަންޓް ޑރ. މިގްދާދު ޝަރީފު ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ހިތުގެ ބަލިތަކަށް ދެވޭ ފަރުވާއަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ޖުލައި 1، 2016 ގައި ކެތް ލެބާއެކު ހިދުމަތް ފެށުމުގެ ކުރިން، ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާ ދެމުން އައީ ހަމައެކަނި ބޭހުން ކަމަށާއި، އިތުރު ފަރުވާއަށް ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. މިގްދާދު އިތުރަށް ވިދާޅުވީ، މިހާރު އެ ސެންޓަރުގައި ދުނިޔޭގެ ފެންވަރުގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިތުގެ ލޯވަޅުތައް އޮޕަރޭޝަން ނުކޮށް ބެއްދުން ފަދަ އުނދަގޫ ފަރުވާތައް މިހާރު ރާއްޖޭގައި ދެވެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެ ސެންޓަރުގައި މަސައްކަތް ކުރައްވާ ހުރިހާ ޑޮކްޓަރުންނަކީ ދިވެހިން ކަމަށާއި، ނަރުހުންގެ ބޮޑު އިންސައްތައަކީ ވެސް ދިވެހިންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ގޮތުން ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް ވެސް ޑރ. މިގްދާދު ވިދާޅުވިއެވެ. އެގޮތުން އައިޖީއެމްއެޗްގެ ފަސް ނަރުހަކާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ތިން ނަރުހަކު މިހާރު ވަނީ ކެތް ލެބަށް ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައެވެ. މި ކުރިއެރުންތަކާއެކު، ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ އިތުރުން ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ